ރ. މާކުރަތުގައި އަމާން މާހައުލެއް ގާއިމުކުރުމަށް ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެ ރަށުގެ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މާކުރަތު ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް ޢަބްދުﷲ މާހިރާއި ނައިބު ރައީސް އިސްމާޢީލް ޢާރިފް އަދި ސީނިއަރ ކައުންސިލް އޮފިސަރ ސަލްވާ މަޙްމޫދެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރަށު ތެރޭގައި ހިންގާ ކުށްތައް ހުއްޓުވުމާއި، މިހާރަށްވުރެ ރައްކާތެރި މާހައުލެއް މާކުރަތުގައި ގާއިމުކުރުމަށް ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. އެ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް