ނަފްސަނީ ސިއްހަތަކީ ޖީލުތައް ބިނާކުރަން ބޭނުންވާ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއް: މެޑަމް ސާޖިދާ

01 Nov 2026 | 08:50
މެޑަމް ސާޖިދާ މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް

މެޑަމް ސާޖިދާ މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ޞިއްޙަތަށް ޖިސްމާނީ ޞިއްޙަތާ އެއްވަރުގެ އިސްކަމެއް ދިނުމަށް ފަސްޓް ލޭޑި ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު ފެށި ސާކް ސައިކިއެޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބޭއްވި މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމެއް ނެތި ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ނުކުރެވޭނެ ކަމަށެވެ. ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ބޭސްފަރުވާގެ މައްސަލައެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، އިންސާނީ ގުޅުންތަކާއި، މިހާރާއި ކުރިއަށް އޮތް ޖީލުތަކަށް ބިނާކުރަން ބޭނުންވާ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ސަރަޙައްދުގެ ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ނަފްސާނީ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ ގިނަ ބަޔަކަށް އެންމެ ބޮޑު ހުރަހަކީ ބައްޔެއް ނޫން ކަމަށާއި، ހިމޭންކަމާއި، މީހުން ކިޔާފާނެ އެއްޗެއްގެ ބިރާއި، އެހީ ހޯދަން ފަސްޖެހުން ކަމަށެވެ. އެހީ ހޯދުމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި، އެއީ ހިތްވަރުގެ ޢަމަލެއްގެ ގޮތުގައި ބެލެވޭ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މަންމައެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ކުޑަކުދީންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ކިޔެވުމުގެ ޕްރެޝަރާއި، މުޖުތަމަޢުގެ އުންމީދުތަކާއި، ޢާއިލީ ދަތިތަކާއި، އޮންލައިން ނުފޫޒުގެ ސަބަބުން ކުދީންގެ ސިކުނޑިއަށް ބާރު ބޮޑުވާ ކަމަށް ވިދާޅުވިއެވެ. ނުތަނަވަސްކަމުގެ ޢަލާމާތްތައް ދެނެގަނެ، ޙުކުމެއް ކުރުމެއް ނެތި އަޑުއެހުމާއި، ހެޔޮ ޖަވާބު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުދީންގެ ނަފްސާނީ ވިލުންވެރިކަން ބިނާކުރުމުގެ ޒިންމާ ގޭތެރެއިން ފެށިގެން ސްކޫލާއި މުޖުތަމަޢާ ހަމައަށް ދެމިގެންދާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ނަފްސާނީ ޞިއްޙަތު ޤައުމީ ޞިއްޙީ އެޖެންޑާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ 2025 އިން 2029 އަށް ހިންގާ ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ދަށުން ތަފާތުކުރުން ނައްތާލުމާއި، އަވަސް އެހީ ހޯދުމަށް ހިތްވަރު ދިނުމާއި، ރިފަރަލް ނިޒާމު ހަރުދަނާކުރުމާއި، ޕްރައިމަރީ ހެލްތުކެއާގެ ތެރެއަށް ނަފްސާނީ ޞިއްޙަތު ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓާއި 24 ގަޑިއިރު ޚިދުމަތް ދޭ ނަފްސާނީ ހެލްޕްލައިން ވެސް ޤާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ކުރިއެރުން ވަޒަންކުރަންވާނީ ދިރިއުޅުމަށް ލިބުނު ބަދަލާއި އާ އުންމީދުން ކަމަށާއި، ދިރިއުޅޭ ތަނެއްގެ ސަބަބުން ބޭނުންވާ ވަގުތު އެހީ ނުލިބިދާ ގޮތް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަފްސާނީ ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ސައިކިއެޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، ނަރުހުންނާއި، ސޯޝަލް ވާކަރުންނާއި، މުދައްރިސުންނާއި، ދިރާސާވެރިންނާއި، ކޮމިއުނިޓީ ހެލްތުކެއާ ޕްރޮފެޝަނަލުންގެ ހީވާގިކަމަށް ފަސްޓް ލޭޑީ ޝުކުރު ދެންނެވިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ތަޢުލީމާއި ތަމްރީނާއި ދިރާސާގެ ޒަރީޢާއިން ޤައުމީ ޤާބިލުކަން ވަރުގަދަކުރާ ކަމަށް ވިދާޅުވެ ތަޢުރީފު ކުރެއްވިއެވެ. ކުޑަކުދީންނާއި ޒުވާނުންގެ ނަފްސާނީ ގޮންޖެހުންތަކާ ބެހޭ އިތުރު ދިރާސާ ހެދުމަށް ވެސް ގޮވާލެއްވިއެވެ.

ނަފްސާނީ ގޮންޖެހުންތަކަކީ ޤައުމީ އިމެއް ދަންނަ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވަނީ ސަރަޙައްދީ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ބާރުއެޅުއްވައިފައެވެ. މި ދެ ދުވަހުގެ ކޮންފަރެންސް ކުރިއަށް ދަނީ ނޮވެމްބަރު އެކެއް އަދި ދޭއް، 2026 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް