"ރެގިއުލޭޓް ކުރަން އޯކޭ، އެހެނަސް ވޭޕް މަނާ ނުކުރޭ" މި ނަމުގައި މާދަމާރޭ ސުލްހަވެރި އިހްތިޖާޖެއް

ވޭޕް މަނާކުރުމަށް ނިންމައި އަދި ވޭޕް މަނާކުރުމާއި ހަމައަށް ޑިއުޓީ ބޮޑުކުރަން ނިންމާފައިވާއިރު ވޭޕް އެކުގައި މަނާ ނުކުރުމަށް ގޮވާލައި ސުލްހަވެރި އިހްތިޖާޖެއް ކުރިއަށްގެންދަން ވޭޕް ވިއްކާ ވިޔަފާރިތަކާއި...

01 Nov 2024 | 10:27

ވޭޕް މަނާކުރުމަށް ނިންމައި އަދި ވޭޕް މަނާކުރުމާއި ހަމައަށް ޑިއުޓީ ބޮޑުކުރަން ނިންމާފައިވާއިރު ވޭޕް އެކުގައި މަނާ ނުކުރުމަށް ގޮވާލައި ސުލްހަވެރި އިހްތިޖާޖެއް ކުރިއަށްގެންދަން ވޭޕް ވިއްކާ ވިޔަފާރިތަކާއި ވޭޕް ބޭނުންކުރާ ފަރާތްތަކުން ތައްޔާރުވަމުން އެބަ ދެއެވެ.

ދުވަހަށް މައުލޫމާތުދެމުން ވޭޕާއި އެއާއި ގުޅޭ ބައެއް އާލާތްތައް ވިއްކާ ވިޔަފާރިވެރިއަކު ބުނީ ވޭޕް ރެގިއުލޭޓް ކުރަން އެ ވިޔަފާރިތަކުންވެސް ރުހި ގަބޫލުވާކަމަށާއި އެހެންނަމަވެސް އެތައް މިލިޔަން ރުފިޔާއެއްގެ ސްޓޮކް ހުއްޓައި ކުއްލިއަކަށް މަނާކުރުމުން އެ ވިޔަފާރިތަކަށް ލިބިގެންދާނީ ފޫ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.

"ކިހިނެއްތޯ އަޅުގަނޑުމެން ދެ މަސް ދުވަހުން ސްޓޮކް ހުސްކުރާނީ، އަހަރެމެންވެސް ބޮޑެތި ލޯނުތައް ނަގައިގެންނާއި އެހެން ގޮތްގޮތުންވެސް ބޮޑެތި އިންވެސްޓްތަކެއްކޮށްގެން ކުރިއަށްގެންދާ ވިޔަފާރި ކިހިނެއްތޯ އެހެން ބަންދުކުރާނީ، ސަރުކާރުން ބަދަލެއްވެސް ދެނީކީ ނޫން، ހަމަ ކުއްލިއަކަށް އެ އިއުލާނުކޮށްލީ މަނާކަމަށް" ދުވަހަށް މައުލޫމާތު ހިއްސާކުރި އެހެން ވިޔަފާރިވެރިއަކު ބުންޏެވެ.

މީގެ އިތުރުން މި ވިޔަފާރިއަކީ ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއަކަށްވެފައި ކުއްލިއަކަށް އެފަދަ ނިންމުންތަކެއް ނިންމުމުން 300 އެއްހާ ވަޒީފާވެސް ގެއްލިގެންދާކަން މި އިހުތިޖާޖު އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ.

ސުލްހަވެރި އިހްތިޖާޖު މާދަމާ ބާއްވަން ތައްޔާރުވަމުން އަންނަނީ މާދަމާ ރޭ 09:00 ގައި ރާޅުގަނޑު ސަރަހައްދުގައެވެ. ވޭޕުން ޑިއުޓީ ބޮޑުކުރަން ނިންމާފައިވާއިރު ވޭޕް މަނާ ކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވެސް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ. އެ ބިލު މިވަގުތު އޮތީ ކޮމިޓީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް