ޚުޠުބާގައި ގޮވައިލީ މީސްމީޑިޔާގައި ވަގުތު ބޭކާރު ނުކުރުމަށް – ހަނުހުރުމުގެ އަހުލާގު ހިޔާރު ކުރުމަށް

މި ފެށުނު ނޮވެމްބަރު މަހުގެ ފުރަތަމަ ހުކުރު ކަމުގައިވާ މި ހުކުރުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ހަނުހުރުމުގެ އަޚްލާޤު" އެވެ. ޚުޠުބާގައި ގޮވައިލާފައިވަނީ މީސްމީޑިޔާގެ މަންސަތަކުގައި ވަގުތު ބޭކާރު ނުކުރު...

01 Nov 2024 | 07:48

މި ފެށުނު ނޮވެމްބަރު މަހުގެ ފުރަތަމަ ހުކުރު ކަމުގައިވާ މި ހުކުރުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ހަނުހުރުމުގެ އަޚްލާޤު" އެވެ. ޚުޠުބާގައި ގޮވައިލާފައިވަނީ މީސްމީޑިޔާގެ މަންސަތަކުގައި ވަގުތު ބޭކާރު ނުކުރުމަށެވެ. ދުލަށް ރައްކާތެރިވެ ބަސް މަދުކޮށް އަމަލުގިނަކުރުމަށެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބެއެވެ. ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ސިފައެކެވެ. އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެކެވެ.

ﷲ تَعَالَىއާއި އެކަލާނގެ ރަސޫލާ ﷺ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށެވެ. އަނގަގަދަ ނުކުރުމަށެވެ. ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުމެވެ. ބޭކާރު ވާހަކަތައް ނުދެއްކުމެވެ. ހެޔޮ ނޫން ބަހެއް ބުނުމަކީ ބާޠިލު ބަހެއް ބުނުމެވެ. ވިސްނައިނުލައި އެއްޗެއް ބުނުމަކީ ކުށް ބަހެއް ބުނުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. ފަހެ އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށައިފާނެތެވެ. އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ.

އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންނެވެ. އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެއެވެ. އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެއެވެ. ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެތެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހާކަމާއި ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހާކަމާއި މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައިކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވަނީ ރަސޫލާ ﷺ މުސްލިމުންނަށް މި އަމުރުކުރައްވަނީ ހެޔޮ ބަހެއް ނޫނީ ނުބުނުމަށް ކަމަށެވެ. ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބޭކަމާއި މީސްތަކުންގެ ގާތުގައި ރުހުމާއި މަޤްބޫލުކަން ލިބެއެވެ. މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށް ކަމެވެ. މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނެ ކަމަށާއި އޭނާ ވާނީ މުޖްތަމަޢު އިޞްލާޙުކޮށްދޭ ފަރުދަކަށް ކަމެވެ.

"ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުމެވެ. ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެތެވެ. އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންނެވެ." ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް އާރާސްތުކުރާ މީހެއް ކަމަށާއި އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެއް ކަމަށެވެ.

މާތް ﷲއަށް تَقْوَىވެރިވުމަށާއި ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވުމަށާއި ބޭނުންވާ މިންވަރަށް ވާހަކަދެއްކުމަށް ގޮވާލައި ހުކުރު ޚުޠުބާ ނިންމާލަމުން ގޮވާލާފައިވަނީ މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމަށެވެ. ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެއްކަމާއި މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަކަމާއި މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށް ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް