ބޭސް ފަރުވާއާއި އެހެނިހެން ޒަރޫރީ ކަންކަމުގައި މާލީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި "ހިތުން ހިތަށް" ޕްރޮގްރާމް މެދުވެރިކޮށް ކުރިއަށްގެންދާ މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) ދެކެމުންދިޔަ ބޮޑު ހުވަފެނެއް މިއަދު ހަގީގަތަކަށް ވެގެންގޮސްފިއެވެ.
އެއީ "ހިތުން ހިތަށް" ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ދިއުމެވެ.
ދުވަހަށް މިރޭ މައުލޫމާތުދެމުން ސަމާ ބުނީ މިއަދަކީ ހަޔާތުގަ އައި ވަރަށް އުފާވެރި ދުވަހެއް ކަމަށާއި "ހިތުން ހިތަށް" ރަޖިސްޓްރީވެގެންދިޔުމަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ހުރުމަށް އަދި މަސައްކަތް އިތުރަށް ފުޅާކުރުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.
"މިހާރު ދެން އަމާޒަކީ އިންތިޒާމު ވެވިގެން ހަރަކާތްތައް އިތުރުކޮށް، މަހަކު އެހީވެވޭ އެއްމެ ފަރާތަކަށް ވެވޭ އެހީތެރިކަން އިތުރުވެ ކޮންމެ މަހެއްގައިވެސް އެހީވެވޭ ކޭސްތަކުގެ އަދަދު އިތުރުވެގެން ދިއުން" ސަމާ ބުންޏެވެ.
ސަމާގެ ހިތުން ހިތަށް ޕްރޮގްރާމްތަކުގައި މި އަހަރު މިހާތަނަށްވެސް ގިނަ ކޭސްތަކެއް ކުރިއަށްގެންގޮސް މި އަހަރުގެތެރޭގައި އެކަނިވެސް ހަތް ލައްކަ ރުފިޔާއާއި ގާތްކުރާ އަދަދަކަށް ފައިސާގެ އެހީތެރިކަން، ބޭނުން ޖެހިފައިވާ އެތައް އާއިލާއަކަށް ސަމާ އަދި ސަމާގެ ޓީމުން ހޯދައިދީފައިވެއެވެ. ދުވަހަށް މައުލޫމާތުދެމުން ސަމާ ކުރިން ބުނެފައިވާގޮތުގައި މި އަހަރު ސަމާގެ އަމާޒަކީ އެ އަދަދު އެއް މިލިޔަނަށްވުރެ މަތި ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް