ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ޕްރައިމަރީ ބާއްވާނެ ތާރީހު އިއުލާނުކޮށްފިއެވެ.
އެގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން މިރޭ ބުނެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ބާއްވާ ޕްރައިމަރީ 2024 ޖަނަވަރި 20 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 20 ޑިސެމްބަރު 2023 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާގޮތަށްވެސް ވަނީ ހަމަޖައްސާފައި" އެ ކޯލީޝަނުން ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަކުރުމަށް ކެނޑިޑޭޓުން ނެރޭނީ ދެޕާޓީއެކުގައި އެއް ކޯލީޝަނަކުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް