21 ވަނަ ގަރުނުގެ ހައިބަތުހުރި ސިޓީއެއްގެ ގޮތުގައި މާލޭ ސިޓީ ތަރައްގީ ކުރުމަށް އާޒިމާގެ އަމާޒު މޭޔަރު ކަމަށް

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ބަންޑާރަނާއިބު އައިޝަތު އާޒިމާ ޝަކޫރު ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ. މިކަން އިއުލާނުކުރައްވަމުން މިއަދު އާޒިމާ ވިދާޅުވެފައިވަނީ އަންނަ ޖަ...

01 Nov 2023 | 16:20

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ބަންޑާރަނާއިބު އައިޝަތު އާޒިމާ ޝަކޫރު ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ.

މިކަން އިއުލާނުކުރައްވަމުން މިއަދު އާޒިމާ ވިދާޅުވެފައިވަނީ އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެތްގައި ކުރިމަތިލާން އަޅުގަނޑު ގަސްތުކޮށްފައިވާތީ، އެންމެ ބޭފުޅުންގެ ތާއީދަށް އެދި އެކަން ހާމަކުރާކަމަށެވެ.

"އަޅުގަނޑު އެމަގާމަށް ކުރިމަތިލުމަށް ގަސްތުކުރީ އަޅުގަނޑަކީ، އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި މީހަކަށްވެފައި، ރައްޔިތުންނާއި ގާތުން ހިދުމަތް ކުރުމުގެ ޝައުގު އަޅުގަނޑުގެ ހުރީތީ، އަދި މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އަޅުގަނޑަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް އަޅުގަނޑު ބޭނުންވާތީ" އާޒިމާ ވިދާޅުވެފައިވެއެވެ.

އާޒިމާ ވިދާޅުވެފައިވަނީ މިއަދުގެ މި ހާލަތުގައި މާލޭގެ މޭޔަރު ކަމުގައި ހުންނެވި ތައުލީލީ އަދި ގާބިލު ބޭފުޅަކު ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައްވެސް ހައްލުކޮށް މާލޭއަކީ ހަގީގީ މާނަގައިގާ ދިވެހިރާއްޖޭގައި ވެރިރަށުގެ ގޮތުގައި ތަރައްގީ ކުރެވޭނެ ގާބިލު، ކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓަރ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމުގައި ވާނެކަމަށެވެ.

"ހާއްސަގޮތެއްގައި، ދިވެހިރާއްޖޭގެ ކޮމަރޝަލް ކެޕިޓަލްގެ ގޮތުގައި އޮތް، ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބައި ރައްޔިތުން ދިރިއުޅޭ އަދި އެތައް ބަޔަކު އިތުރަށް ތައުލީމު ހާސިލުކުރުމަށާއި، ބޭސްފަރުވާ ކުރުމަށާއި، ވިޔަފާރިކުރުމަށް އަދި ދަތުރުފަތުގެ ބޭނުމަށް އައިސް އުޅެންޖެހޭ ރަށްކަމުގައިވާ މާލެ، އެންމެ ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ރަމްޒުކޮށްދޭނެ ހައިބަތުހުރި ތަނެއްގެގޮތުގައި ތަރައްގީވާންޖެހޭ، މިކަންކަން ކުރުމުގައި، މިހާރުގެ މޭޔަރު އަދި އިންތިހާބީ ރައީސް އެކުލަވާލައްވާފައިވާ، މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުގައި ތަންފީޒުކުރެވެންޖެހޭ، އަދި ހަމައެއާއެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު، ގައުމީ އަދި ރަށު ފެންވަރުގައި އިތުރު ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ، އަދި މި މައްސަލަތަކަކީ ގައުމީ ފެންވަރުގައި ހައްލުތަކެއް ލިބިގެންނޫނީ ހައްލުނުލިބޭނެ ކަންކަމަށްވާއިރު، މިކަންކަމުގައި ސަރުޚާރާއެކު މަސައްކަތް ކުރުމުގެ ވިސްނުން އިސްކުރަން ޖެހޭ" އާޒިމާ ވިދާޅުވެފައިވެއެވެ.

އާޒިމާ ވިދާޅުވެފައިވަނީ އޭނާއަކީ މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނޭ މީހަކަށް ވާނެކަމާއި އަދި ކޮންމެ ހާލެއްގައިވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނޭކަމުގެ ޔަގީންކަން އަރުވާކަމަށެވެ.  އަދި ރައްޔިތުންނާއެކު މަސައްކަތް ކުރާނެ ވިއުގައެއް އުފައްދައި، މާލެ ސިޓީއަކީ ތިޔަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއާއެކު ތަރައްގީކޮށް، އާއިލާއާއެކު ދިރިއުޅެވޭނެފަދަ ތަނަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަމާއި ގްރޭޓާ މާލެއަކީ ވިޔަފާރިއާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ، ހުރިހާ ހާލަތެއްގައިވާ ރައްޔިތުންނަށްވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަމާއި އަދި ކޮންމެ ހިޔާލެއްގައި ހުރި ނަމަވެސް އެމީހަކާއެކު މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަންވެސް އަރުވާކަމުގައި އާޒިމާ ވިދާޅުވެފައިވެއެވެ. އ

އާޒިމާ އިތުރަށް ވިދާޅުވެފައިވަނީ ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނީ އަޅުގަނޑުމެން އެންމެންގެ މަސައްކަތުން ކަމަށާއި އެންމެން އެކައްޗެއް ކިޔައި، އެންމެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށެވެ. އެހެންކަމުން، މި މަސައްކަތަކީވެސް އަޅުގަނޑުމެން އެންމެންނަށް އެކުގައި ނޫނީ ކުރެވޭނެ މަސައްކަތެއްނޫން ކަމަށާއި، ހާސިލުކުރެވޭނޭ ލަނޑުދަނޑިތަކެއް ނޫން ކަމަށެވެ. އަދި މިކަމަށް ބޭނުންވަނީ ބައިބައިވުމާއި ވަކިވުމުގެ ވިސްނުންތައް ދޫކޮށް މުޖްތަމައުގެ މަސްލަހަތު އިސްކުރުން ކަމަށާއި އެހެންކަމުން، އޭނާގެ ދައުވަތަކީ 17 ނޮވެމްބަރުގައި ހުވައިކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު، ގްރޭޓާ މާލޭގެ ސަރަހައްދަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވެވޭވޭ، 21 ވަނަ ގަރުނުގެ ޒަމާނީ ތަހުޒީބާއި ތަމައްދުނުގެ ހައިބަތުހުރި ކެޕިޓަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އޭނާއާއެކު އަތުގުޅާލައްވައި އެންމެން އެކުގައި މިކަމަށް ކެރިގެން ކުރިމަތިލުން ކަމުގައިވެސް އާޒިމާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް