ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:59 އަށް ހަމަވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި މި ސްކޮލަރޝިޕް ފަންޑަކީ ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލެވުނު ފަންޑެކެވެ.
މި ސްކޮލަރޝިޕް އަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވާލެވޭ 3 ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
އަދި އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެ ކަމަށް ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރަށް، މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އަދި މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ލިބުމަށްޓަކައި ބީއެމްއެލް އިން ވަނީ https://www.bankofmaldives.com.mv/bml-scholarship-fund ގެ ލިންކް ފޯރުކޮށްދީފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް