ނިމިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާއެކު އިޒްރޭލުން އިއުލާނުކޮށް ޢައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންއަންނަ ލާއިންސާނީ ގަތުލްއާންމަށް މިއަދު 26 ދުވަސް ފުރޭނެއެވެ.
މި ބަލައިލަނީ 26 ދުވަސް ފުރޭއިރު ފާއިތުވި 24 ގަޑިއިރުގެ އުސް އަލިތަކަށެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަސް ބަލައިލާއިރު އިޒްރޭލުން ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގައި ހޮސްޕިޓަލުތަކަށް ވަކިން އަމާޒުކޮށް ބިރުދެއްކުމުގެ ހަމަލާތައް ދެމުންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަލް ޤުދްސް ހޮސްޕިޓަލް، ޣައްޒާ ޔޫރަޕިއަން ހޮސްޕިޓަލް އަދި ތުރުކީ ފްރެޑްޝިޕް ހޮސްޕިޓަލް ހިމެނެއެވެ.
އދ ގެ ސަލާމަތީ މަޖިލީހަށް އައު ގަރާރެއް ހުށަހަޅަން މަލްޓާ، ބްރެޒިލް އަދި އެކުވެރި އަރަބި އިމާރާތުން ތައްޔާރުވަމުން އަންނަކަން ހާމަކުރިއެވެ. އެހެން ނަމަވެސް މި މަސްރަހު ފެށުނު ފަހުންވެސް ހަތަރު ގަރާރެއް އެ މަޖިލީހަށް ހުށަހެޅިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެއްވެސް ގަރާރެއް ފާސްވިޔަކަ، އެމެރިކާ އަދި އިނގިރޭސިވިލާތަކުން ނުދެއެވެ.
އިޒްރޭލު ރައްޔިތުން ހަތިޔާރު އުފުލުމަށް އެ ގައުމުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ގޮވާލުމާއި، ޖަޕާނުން ހަމާސް އާއި ހަމާސްއާ ގުޅުންހުރި ވިޔަފާރިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމުމާއި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ އދ ގެ ޔޫއެންއާރްޑަބިއުއޭގެ މުވައްޒަފުން މަރުވި އަދަދު 67 އަށް އެރި އެރުންވެސް އިއްޔެގެ އުސްއަލިތަކުގެ ތެރޭގައި ފާހަގަކޮށްލަން ޖެހެއެވެ.
ޔަމަނުގެ ހޫތީން ހަނގުރާމައިގެ ތެރެއަށް ރަސްމީކޮށް ވަތްންކަން އިއުލާނު ކުރިއިރު އެކަން އެމީހުން ކުރީ އިޒްރޭލަށް ތިންވަނަ ހަމަލާއެއް ދިނުމަށްފަހުގައެވެ. މިހާރު ހަމާސް، އިސްލާމިކް ޖިހާދުގެ އިތުރުން ލުބުނާނު ފަޅިންނާއި ޔަމަނު ފަޅިން އިޒްރޭލަށް ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.
ޣައްޒާ އަކީ ކުޑަކުދިންނަށް ގަބުރުސްތާނަކަށް ވަމުން އަންނަ ކަމަށް ޔުނިސެފުން އިއްޔެ ބުނި އިރު ޝަހީދުންގެ އަދަދު އިއްޔެ 8،600 ހުރަސްކުރިއެވެ. އޭގެތެރެއިން 3،542 އަކީ ކުޑަކުދިންނެވެ.
ޗައިނާ ކުންފުނިތަކުގެ މެޕްތަކުން އިއްޔެ އިޒްރޭލު ފޮހެލިއެވެ. އޭގެތެރޭގައި ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ބައިޑޫގެ އިތުރުން އަލީ ބާބާގެ މެޕްތައް ހިމެނެއެވެ.
ލުބުނާނަށް ހަމަލާދިނުމުގައި އިޒްރޭލުން ނުރައްކާތެރި ކެމިކަލެއް ކަމުގައިވާ "ވައިޓް ފޮސްފަރަސް" ބޭނުންކުރަމުން އަންނަ ކަމަށް އެމްނެސްޓީ އިންޓަނޭޝަލުން ތުހުމަތު ކުރިއިރު އެ ކެމިކަލް މީގެ ކުރިން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށްވެސް ބޭނުންކުރިއެވެ. އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި އެމްނެސްޓީން ބުނެއެވެ.
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބާރުގަދަ ހަ ބޮމުގެ ވަރުގަދަ ހަމަލާއެއް ދީ އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އެރިއެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 400 އިން މައްޗަށް އެރި އެވެ. އިޒްރޭލުން ބުނީ ޖަބަލިއާއަށް ހަމަލާދިނީ އެ ސަރަހައްދުގައި ހަމާސްގެ ހަނގުރާމަވެރިން ފިލާ ތިބީތީ ކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަމާސްގެ 50 މެމްބަރަކު މަރާލެވުނު ކަމަށް އިޒްރޭލުން ބުނެއެވެ.
ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިންގެ ދެމީހަކު މަރާލައި އަދި 20 އަށްވުރެ ގިނަ ވެހިކަލް ގޮއްވާލެވުނު ކަމަށް ހަމާސް އިން އިއުލާނުކުރިއެވެ. އިޒްރޭލުން އަންނަނީ އެއްގަމު މަގުން ޣައްޒާއަށް ވަދެގަތުމަށް މަސައްކަތް ކުރަމުންނެވެ. ހަމާސް އާއި ހަމާސްއަށް ވާގިވެރިވާ ހަނގުރާމަވެރިން އަންނަނީ އިޒްރޭލުގެ އެ ފައުޖުތަކާއި ކުރިމަތިލަމުންނެވެ.
އިޒްރޭލާއި ދެކޮޅަށް އެހީތެރިކަމަށް ހަމާސް އިން މުސްލިމު ގައުމުތަކަށް އަނެއްކާވެސް އިއްޔެ ގޮވާލި ގޮވާލުންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޒަޚަމްވެފައިވާ ޣައްޒާގެ 81 ރައްޔިތަކު ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ގެންގޮސް މިސްރުގެ ހޮސްޕިޓަލުތަކުން ފަރުވާދޭން މިސްރުން އެއްބަސްވެ އެމްބިއުލާންސްތައް ރަފާ ބޯޑަރު ކައިރީގައި މިހާރު ވަނީ ރުކުރުވާލާފައެވެ.
ބޮލީވިއާއިން އިޒްރޭލާ ޚާރިޖީ ގުޅުން ކަނޑާލިކަން ރޭގައި އިއުލާނުކުރިއިރު ޗިލީއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު އަނބުރާ އެ ގައުމަށް އައުމަށް އެ ގައުމުން އެންގިއެވެ. އަދި ހަމަ އެހެންމެ ކޮލަމްބިއާއިންވެސް އެމްބެސެޑަރު އަނބުރާ ގެންގޮސް ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދިނެވެ.
އިއްޔެ 59 ލޮރީގެ އެހީގެ ގާފިލާއެއް ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވިއެވެ. އެހެންނަމަވެސް އަދިވެސް ތެޔޮ އެތެރެކުރުމަށް ހުއްދަ ދީފައެއް ނުވެއެވެ. ޣައްޒާގެ ހޮސްޕިޓަލުތައް ކަރަންޓަށްޖެހި ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގައި ހުއްޓިދާނެ ކަމުގެ އިންޒާރު މިހާރު އެ ހޮސްޕިޓަލްތަކުން ވަނީ ދީފައެވެ.
ފާއިތުވި 24 ގަޑިއިރުގެ އަދާހަމަތައް ނިންމާލަން މި ޖެހެނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން އަންނަ ހުކުރު ދުވަހު އިޒްރޭލަށް ދާން ނިންމި ޚަބަރައިގެންނެވެ. އެމެރިކާއަކީ މި މަސްރަހުގައި އިޒްރޭލަށް އެންމެ ވާގިވެރިވާ އަދި ހިތްވަރުދޭ ގައުމުކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް