ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް "ފީފާ ވޯލްޑް ކަޕް" އަކީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރަނީ 32 ގައުމަކުން 32 ޓީމެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅެވޭ ޖޮލިފައިން ބުރުތައް ބާއްވަނީ ފީފާގެ ހަ ކޮންޓިނެންޓަލް ޒޯނުގެ މެދުގައެވެ. އެއީ އޭއެފްސީ (އޭޝިއާ)، ސީއޭއެފް (އެފްރިކާ)، ކޮންކަކާފް (އުތުރު އަދި މެދުތެރޭ އެމެރިކާ އަދި ކެރިބިއަން)، ކޮންމެބޯލް (ދެކުނު އެމެރިކާ)، އޯއެފްސީ (އޯޝެނިއާ)، އަދި ޔުއެފާ (ޔޫރަޕް) އެވެ. މި ޒޯންތަކުން ކުޅޭ ކޮލިފައިން ބުރުތަކަށް ފަހު، ކޮލިފައިވާ ޓީމުތައް ވޯލްޑް ކަޕުގެ ފައިނަލް ބުރުން ޖާގަ ލިބެއެވެ. އެގޮތުން މުބާރާތުގެ ފައިނަލް ބުރުން ޖާގަލިބެނީ 32 ޓީމަށެވެ. މުބާރާތް ކުޅެވޭނީ މި 32 ޓީމުގެ މެދުގައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އުފެދުނު ގޮތް
ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވުނު ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށް ފަހުން ޔޫރަޕްގެ ހަތް ގައުމެއްގެ ފުޓްބޯޅަ ފެޑެރޭޝަން އެކުވެގެން ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ފުޓްބޯޅައިގެ މައި އިދާރާއެއް އުފެއްދުމަށް ނިންމިއެވެ. ބެލްޖިއަމް، ޑެންމާކް، ފްރާންސް، ސްޕެއިން، ސްވިޑަން އަދި ސްވިޒަލެންޑް ގުޅިގެން ފީފާ ވުޖޫދުކުރީ 1904 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުގައެވެ.
ފީފާ އުފެއްދުމުގެ މައިގަނޑު ޚިލާޔު ދިނީ އޭރު ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް ހުންނެވި ޖޫލްސް ރިމެޓްއެވެ. ޖޫލްސް ރިމެޓްގެ ޚިޔާލަށް ފީފާ ވުޖޫދު ކުރުމަށް ފަހު އެ އިދާރާގެ ދަފްތަރުގައި ދިނުޔޭގެ ގައުމުތަށް ރެޖިސްޓްރީ ކުރުމުގެ މަރުހަލާ ފެށުނެވެ. ނަމަވެސް 1930 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް މުބާރާތަށް ގައުމުތައް ބައިވެރިވާން އިއުލާން ކުރުމާއި ހަމައަށް ފީފާގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވަނީ އެންމެ 13 ގައުމަކުންނެވެ. މިއީ ފީފާއިން އަންދާޒާކުރި އަދަދެއް ނޫނެވެ. ފީފާއިން ވޯލްޑް ކަޕަށް އަންދާޒާކުރި އަދަދަކީ މަދުވެގެން 16 ގައުމުން 16 ޓީމެވެ. ނަމަވެސް އެ އަދަދަށް ގައުމުތައް ހަމަނުވިއެވެ. ފީފާއިން އަންދާޒާކުރި އަދަދަށް ޓީމުތައް ހަމަ ނުވުމުން ކޮލިފައިން ބުުރުގެ މެޗުތައް ނުކުޅެން ނިންމިއެވެ. އަދި މުބާރާތުގައި ބައިވެރިވި 13 ޓީމާއި އެކު މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމިއެވެ.
ވޯލްޑްކަޕުެ ފެށުން
އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް މުބާރާތަކީ ވޯލްޑް ކަޕުގެ ފެށުމެވެ. މި މުބާރާތުގައި ބައިވެރިވީ ތިން ބައްރަކުން ޖުމުލަ 13 ޓީމެވެ. މި 13 ޓީމަކީ ފީފާގެ މެމްބަރުންގެ ގޮތުގައި ތިބި 13 ގައުމުގެ 13 ޓީމެވެ. ފީފާގެ ދަފްތަރުގައި ނެތް ގައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ދީފައެއް ނުވެއެވެ.
ޖުލައިމަހުގެ 13 އިން އެމަހުގެ 30 ގެ ނިޔަލަށް 13 ޓީމާއި އެކު ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ 2-4 އިން ބަލިކޮށް މުބާރާތުގެ ތަށި އުފުލާލީ އުރުގުއޭއިންނެވެ.
ވޯލްޑް ކަޕް ކުޅެވުނު އަދަދާއި އެންމެ ގިނައިން މުބާރާތް ކާމިޔާބު ކުރި ގައުމުތައް
މިހާތަނަށް ފީފާ ވޯލްޑް ކަޕްގެ 21 މުބާރާތެއް ވަނީ ކުޅެފައެވެ. މިފަހަރު ގަތަރުގައި ބޭއްވޭ މުބާރާތަކީ ފީފާއިން ބާއްވާ 22 ވަނަ ވޯލްޑް ކަޕް މުބާރާތެވެ.
މި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު އުފުލާލި ގައުމަކީ ބްރެޒިލްއެވެ. ބްރެޒިލް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ. ދެން އެންމެ ގިނައިން ވޯލްޑް ކަޕް ތަށި ނަގާފައިވަނީ ޖަރުމަނާއި އިޓަލީންނެވެ. މިއިން ކޮން ގައުމަކުން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ.
ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނައިން ގޯލް ޖަހާފައިވާ ކުޅުންތެރިން
ވޯލްޑް ކަޕް ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ޖަރުމަނުގެ މިރޮސްލޭވް ކްލޯސާއެވެ. އޭނާ ވަނީ ވޯލްޑް ކަޕުގައި ކުޅުނު 24 މެޗުގައި 16 ގޯލު ޖަހާފައެވެ. ދެވަނަ އަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯއެވެ. އޭނާ ވަނީ ކުޅުނު 19 މެޗުގައި 15 ގޯލު ޖަހާފައެވެ. ތިންވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކީ ޖަރުމަންގެ ގާޑް މުލާއެވެ. އޭނާ ވަނީ 14 ގޯލު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް