އަފްޣާނިސްތާނުގައި ދީނީ ފަސް މަދަރުސާއެއް އެޅުމަށް ތުރުކީގެ ޖަމިއްޔާއަކުން އެއްބަސްވެއްޖެ

ތުރުކީގެ ޖަމިއްޔާއެއް ކަމަށްވާ އެއިޑް އެންޑް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފޯރަމް (އޭއައިޑީއެފް) އިން ވަނީ އަފްޣާނިސްތާނުގައި ދީނީ ފަސް މަދަރުސާއެއް އެޅުމަށް އެއްބަސްވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު...

01 Nov 2022 | 14:53

ތުރުކީގެ ޖަމިއްޔާއެއް ކަމަށްވާ އެއިޑް އެންޑް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފޯރަމް (އޭއައިޑީއެފް) އިން ވަނީ އަފްޣާނިސްތާނުގައި ދީނީ ފަސް މަދަރުސާއެއް އެޅުމަށް އެއްބަސްވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޚަމާ ޕްރެސް އިން ބުނީ، ތާލިބާން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އޭއައިޑީއެފްގެ މި މަސައްކަތަށް ތައުރީފުކޮށް، އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

އެމްއޯޔޫގައިވާ ގޮތުން އެ ޖަމިއްޔާއިން އަފްޣާނިސްތާނުގެ ފަސް ޕްރޮވިންސެއްގައި ފަސް ދީނީ މަދަރުސާއެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ތާލިބާނުންގެ އެޑިއުކޭޝަން މިނިސްޓަރު ހަބީބުالله އާގާ އާއި އެ ޖަމިއްޔާގެ ލީޑަރު ޝެއިހް މުހައްމަދު ޓޯރަން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެގޮތުން ކޮންމެ ސްކޫލެއްގައި ހަތަރު ކްލާސްރޫމާއި ޕެރިމިޓަރ ވޯލަކާއި މިސްކިތަކާއި ބޯފެނުގެ ނިޒާމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަފްޣާނިސްތާނުގެ ދެބައިކުޅަ އެއްބައި ސްކޫލްތައް ބަންދުކޮށްފައިވާއިރު، އެ ޖަމާއަތުގެ ކޮންޓްރޯލް އަތުލި ފަހުން ހަވަނަ ގްރޭޑުން މަތީގެ ގްރޭޑްތަކުގައި ކިޔަވާ އަންހެން ކުދިންނަށް ކިޔެވުން ވަނީ މަނާކޮށްފައެވެ.

ޒުވާން އަންހެން ކުދިންނާއި އަންހެނުން އެކުދިންގެ އުއްމީދުތައް ފުނޑުފުނޑުވަމުން އަންނަތާ ގާތްގަނޑަކަށް 400 ދުވަސް ވެފައިވާއިރު، އެކްޓިވިސްޓުން ބުނީ މިހާލަތު ދެމިއޮތްނަމަ އެކުދިންގެ މަގްސަދާއި އުއްމީދުތަކަށް ވަރަށް ބޮޑު ގެއްލުމެއް އަންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް