ބައްރު: އޭސިއާ
ފީފާ ރޭންކިން: 50
މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅެފައި ނުވޭ
ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް: ހޮސްޓުންގެ ގޮތުގައި
ކޯޗު
ނަން: ފެލިކްސް ސަންޗޭސް ބާސް
ގައުމު: ސްޕެއިން
(46 އަހަރު) 13 ޑިސެމްބަރ 1975
ޓީމާ ހަވާލުވީ: 2017 ވަނަ އަހަރު
ސްޕެއިން އަށް އުފަން ކޯޗު ފެލިކްސް ސަންޗޭސް ބާސް އަކީ ކުލަބު ލެވެލްގައިވެސް އަދި ގައުމީ ލެވެލްގައިވެސް ކުޅުނުކަމުގެ ރެކޯޑް އޮތް ފަރާތެއް ނޫނެވެ. މުޅި ކެރިއަރު ކޯޗިން ދާއިރާގައި ހޭދަކުރަމުން އަންނަ ސަންޗޭސް އޭނާގެ ކޯޗިން ކެރިއަރު ފެށީ 1996 ވަނަ އަހަރު ބާސެލޯނާގެ ޔޫތް ޓީމުންނެވެ. އޭގެފަހުން 2006 ވަނަ އަހަރު ގަތަރަށް ބަދަލުވެ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދީފައިވެއެވެ. އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާއި އެކު އޭއެފްސީ 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. ސަންޗޭސް ގަތަރުގެ ޤައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުއެވެ. އޭނާ ވަނީ ގަތަރުގެ ގައުމީޓީމާއި ހަވާލުވެ 2019 ވަނަ އަހަރު ބޭއްވުނު އޭއެފްސީ އޭސިއަން ކަޕް ގަތަރަށް ކާމިޔާބު ކޮށްދީފައެވެ.
ސަންޗޭސްގެ ކޯޗުކަމުގައި ގަތަރުން ކުޅުނު 83 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ 24 މެޗުންނެވެ.
މުހިންމު ކުޅުންތެރިން:
ޙަސަން އަލްޙައިދޯސް
ގަތަރުގެ ކެޕްޓަން ޖޯން ޙަސަން އަލްޙައިދޯސް އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ގަތަރުގެ ސްޓާރސް ލީގުގެ އަލްސައްދު އެސްސީ އަށް ކުޅެމުން އަންނަ ޙަސަން އަލްޙައިދޯސް މިވަގުތު ހުރީ ރަނގަޅު ފޯމެއްގައި ކަމުން އަންނަ ވޯލްޑްކަޕުގައި އެންމެ ވިދުންގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިއުމަކީ ގާތްކަމެކެވެ.
ހަސަން އަލްޙައިދޯސް ކެރިއަރު ފެށީ އުމުުރުން އަށް އަހަރުގައި ގަތަރުގެ އަލް ސައްދުގެ ޔޫތް ޓީމުންވެ. އަލް ސައްދުގެ ސީނިއަރ ޓީމަށް ކުޅެން ފެށީ އުމުުރުން 17 އަހަރުގައެވެ.
ޙަސަން އަލްޙައިދޯސް ގަތަރުގެ ޔޫތް ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރު އެވެ. އަދި ގަތަރުގެ ސީނިއަރ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގައެވެ. އޭނާވަނީ މިހާތަނަށް ޤައުމީ ޓީމަށް 165 އަށްވުރެ ގިނަ މެޗު ކުޅެ 34 ގޯލު ކާމިޔާބު ކޮށްދީފައިވެއެވެ.
ޙަސަން އަލްހައިދޯސް ވަނީ ގަތަރު ޓީމާއި އެކު 2019 ވަނަ އަހަރުގެ އޭސިއަން ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
އަކްރަމް ހަސަން އަފީފް
އުމުުރުން 25 އަހަރުގެ ވިންގަރ އަކްރަމް ހަސަން އަފީފް އަކީ ގަތަރު ޓީމުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ކުޅުންތެރިއާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޔޫރަޕްގެ ބައެއް މަޝްހޫރު ކުލަބުތަކަށް ވެސް ކުޅެ ތަޖުރިބާ ހޯދާފައިވާ އަކްރަމް ވަނީ ސްޕެއިންގެ ވިޔަރެއާލް ސްޕޯޓިންގް ގިހޯން އަދި ބެލްޖިއަމްގެ ޔޫޕެން އަށް ކުޅެފައެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ގަތަރުގެ ކުލަބް އަލް ސައްދުއަށެވެ.
2017 ވަނަ އަހަރު އަލް ސައްދުއަށް ބަދަލުވެ މިހާތަނަށް ކުޅެދިން 126 މެޗުގައި 93 ގޯލު ޖަހާފައިވެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައި 2019 ވަނަ އަހަރު އޮތް އޭސިއަން ކަޕްގައި ވިދާލި އަކްރަމް އަކީ ގަތަރުގެ ވައަތު ވިންގުގައި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އަކްރަމް ވަނީ މިހާތަނަށް ގަތަރަށް ކުޅުނު 85 މެޗުގައި 25 ލަނޑު ޖަހާފައެވެ. މިހާރު ގަތަރުގެ އަލް ސައްދު އަށް ކުޅެމުންދާ އަކްރަމް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގަތަރުގެ އުންމީދުތަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް