ޒަމާނާ އެއްވަރަށް މާލެއަށް އައިސްފައިވާ ބަދަލުތަކަކީ، މީގެ ބާރަ ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑެތި ބަދަލުތަކެއްކަން އެ މަންޒަރު އެއިރުއްސުރެ ދެކެފައިވާ އެންމެން ވެސް ހެކިވާނެ ކަމެކެވެ.
އެގޮތުން ކުރިން ވަށް ބުރަކާއި ގައުތަކެއް ޖަހާފައިވާ މާފަންނު ސަރަޙައްދު ވެސް މިހާރު އެވަނީ ބޮޑެތި ބަދަލުތަކަކާއެކު ރަސްފަންނު ބީޗަށް ބަދަލު ވެފައެވެ. އެކި އިމާރާތްތައް ވެސް ބަދަލުވުމުގެ އިތުރުން، މާލޭގެ އެކި ސަރަޙައްދުތަކުގައި މައިޒާންތައް ވެސް ހަދާފައި ހުރުމަކީ ކުރިން ނުފެންނަ މަންޒަރެކެވެ.
މާލެއަށް އަންނަ ބަދަލުތައް މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ބަދަލު އައުން އަދިވެސް އޮތީ ކުރިއަށެވެ. އަދި އެކި ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އެގޮތުން މިހާރު ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ، މާލެ ސިޓީ ކައުންސިލުން ބޮޑު ތަކުރުފާނު މަގަށް ގެންނަން ފަށާފައިވާ ބަދަލެވެ.
އެކަމަށްޓަކައި މިހާރު ވެސް އެތަނުގައި ބައިވަރު ކަދުރު ރުއްތަށް ވަނީ އިންދާފައެވެ. ކަދުރު ރުއްތަށް އިންދާފައިވާ އެއްވަރުކަމާއި ޒީނަތްތެރި ކަމުން އެތައް ބަޔަކު ވަނީ އެ ރުއްތަކުގެ ފޮޓޯ ނަގައި މީސް މީޑިއާގައި ވެސް އެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.
އެ ފޮޓޯތައް މީސްމީޑިއާ އިން ފެންނަން ފެށިފަހުން އިއްޔެ މާލޭ ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނު މަގު އިތުރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރެހުންތައް ހިއްސާ ކޮށްފައެވެ.
ފޮޓޯތަކުން ފެންނަ ފެނުމުގައި، އިންދާފައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި ވަނީ ވަށައިގެން ކުޑަ ބުރެއް ހަދާފައެވެ. އަދި އެ ބުރުގެ އެތެރޭގައި އެކި ކުލަކުލައިގެ މައު ގަސްތަކެއް ވެސް އިންދާފައިވެއެވެ. މީހުން ހިތްހަމަ ޖައްސައިލަން އެ ބުރުގައި އިށީންދެގެން އިންނަ މަންޒަރާއި ހަވީރު ފިންޏަށް ހިނގާލަން ނުކުމެ އުޅޭ މަންޒަރު ވެސް ފެނެއެވެ. ކުރު ގޮތަކަށް ބުނާނަމަ މިއީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ދައްކައިދެއްވާފައިވާ ކަދުރު ރުއްތަކުގެ ތަސައްވުރެކެވެ.
ކޮންމެހެނަކަސް، ފޮޓޯތައް ނުވަތަ ކުރެހުންތައް ވަރަށް ވެސް ފުރިހަމައެވެ. އަދި ކުރެހުންތަކާ އެއްގޮތަށް މަސައްކަތް ވެސް ފުރިހަމަ ކުރެވިއްޖަނަމަ، މާލޭގެ ބޮޑުތަކުރުފާނު މަގު ވެގެން ދާނީ ގިނަ ބަޔަކަށް ވަރަށް ވެސް ހިތް ފަސޭހަ މަގަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް