ޖިންސީ ގޯނާގެ އަމަލެއް ސާބިތުވެ ދާންދޫ އިސް މެޖިސްޓްރޭޓް މަގާމުން ވަކި ކުރަން ހުށަހަޅައިފި

ދެ ރަށެއްގެ އިސް މެޖިސްޓްރޭޓުން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކި...

01 Nov 2022 | 08:35

ދެ ރަށެއްގެ އިސް މެޖިސްޓްރޭޓުން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ގއ. ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމާއި ބ. ފުޅަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރެވެ.

ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓް ލުއައްޔުއާ ބެހޭގޮތުން އެ ކޮމިޝަނަށް 22 މައްސަލައެއް ލިބުނު ކަމަށެވެ. އޭގެތެރެއިން ސާބިތުވީ ދެ މައްސަލަ ކަމަށެވެ. އެއީ ޖިންސީ ގޯނާގެ އަމަލެއް ކުރުމުގެ އިތުރުން ރަސްމީ ވަގުތުތަކުގައި ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މައްސަލަ އެކެވެ.

އިސް މެޖިސްޓްރޭޓް ނިޝާނު ވަކިކުރަން ނިންމީ އޭނާއާ އެކު ވިޔަފާރީގެ މަސްލަހަތެއް އޮތް އެހެން މީހެއްގެ މައްސަލައެއް އެހެން ފަނޑިޔާރަކު ބައްލަވަނިކޮށް، އޭނާ އަމިއްލައަށް އެ މައްސަލަ ބެލުމާ ހަވާލުވި ކަމަށް ބުނެ އެވެ. ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ނިޝާން އެ މައްސަލަ ބެލުމުން ތަނާޒުލްވުމަށް ފަހު، އިޖްރައާތުތަކާ ހިލާފަށް އަމިއްލައަށް އެ މައްސަލައާ ހަވާލުވެ، އެ މައްސަލަ ކުރިއަށް ގެންދިޔައީ ނާޖާއިޒް ފައިދާއެއް ހޯދުމުގެ ނިޔަތުގައިކަން ސާބިތުވާ ކަމަށެވެ.

މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުން ސުލޫކީ މައްސަލަތަކުގައި ވަކިކޮށްފައިވެ އެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް