2023 ގެ ބަޖެޓް ތެރޭގައި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖަޓަކަށް ވާ ފައިސާ ހިމެނޭނެ ގޮތެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހިވަޑައިގަންނަވާ ކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުންނެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރައްވައި ވާހަކަ ފުޅު ދައްކަވަމުން މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސް ކޮށްފައި ވަނީ 36.9 ބިލިއަންގެ ބަޖެޓެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެދިފައިވާ ގޮތަށް 5.8 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށްވާ ފައިސާ ހިމެނުމުން މިއަހަރުގެ ބަޖެޓުގެ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާއި، ދެ މަސް ތެރޭގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރައްވާނެ ކަމަށް އަންދާޒާއެއް ނުކުރެވޭ ކަމަށެވެ. ނަޝިދު ވިދާޅުވީ މަޖިލީހަށް ހުށަހަޅައި ފާސް ކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ހަރަދު ކުރައްވާފައިވާ ކަން ވެސް ސާފުވާކަށް ނެތް ކަމަށެވެ.
މަޖިލީހުން ހުއްދަ ލިބިގެން ނޫނީ މަޖިލީޙުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނ. ގައި ވަރަށް ސާފުކޮށް ބަޔާން ކުރެ އެވެ. އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސް ކުރުމަށް ސަޕްލިމެންޓަރީ ބަޖެޓެއް ހަދައި، އެ ފައިސާ ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބ. ގައި ވެސް ބުނެ އެވެ.
މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މެމްބަރުން އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ހިނގަމުން ދިޔަ ނަމަވެސް ސަރުކާރުން ހުށަހަޅާ ބިލުތަކާއި ބަޖެޓުތައް ގާނޫނީ އޮނިގަނޑުން ބޭރު ވާނަމަ ދުވަހަކަށް ވުރެ ދުވަހެއް އަތުން ކަންކަން ދޫވަމުންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް