ދިރާގު ރޯޑްރޭސް މި މަހު 24ގައި – މި އަހަރުވެސް ހުޅުމާލޭގައި

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 ނޮވެމްބަރު 2017 ވާ ހުކުރު ދުވަހު ބާއްވާނެކަނ...

01 Nov 2017 | 05:19

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 ނޮވެމްބަރު 2017 ވާ ހުކުރު ދުވަހު ބާއްވާނެކަން ދިރާގުން އާންމުކޮށް އިއުލާންކޮށްފިއެވެ.

5 އަކާއި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވާ ރޭސް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމުގައި ދިރާގުން ހާމަ ކުރެ އެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 11 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ. ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

ދިރާގުން ހާމަކޮށްފައިވާގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.  އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 2 ނޮވެމަބްރ 2017 އެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައިޝާއިއުކުރެވޭނެއެވެ.

"ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެއެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ. މީގެ އިތުރުންވެސް ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ހާއްސަ ޓީޝާރޓުން ލިބޭ ފައިސާވެސް ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައެވެ." ދިރާގުން ހާމަކުރެ އެވެ.

މިއަހަރުގެ ރޯޑް ރޭހުގައި ދުވުންތެރިން އާންމުކޮށް ބައިވެރުވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަރަށް އަވަސް ފުރުސަތެއްގައި އިވެންޓްގެ ވެބްސައިޓް www.dmrr.mv  ހުޅުވާލާނޭ ކަމުގައިވެސް ދިރާގުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް