ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު މި އަހަރު ހުޅުމީދޫގައި

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ސިފައިންގެ 20 ވަނަ ފޮޓޯ މަޢުރަޒު އެމްއެންޑީއެފް ސަދަން އޭރިއާ، އައްޑޫ ސިޓީ ހުޅުމީދޫގައި ބާއްވާގޮތަށް ހަމަޖައްސ...

01 Nov 2017 | 04:43

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ސިފައިންގެ 20 ވަނަ ފޮޓޯ މަޢުރަޒު އެމްއެންޑީއެފް ސަދަން އޭރިއާ، އައްޑޫ ސިޓީ ހުޅުމީދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރ މަހުގެ ހަތަރުވަނަ އަދި ފަސް ވަނަ ދުވަހު، އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ސ.އަތޮޅު މަދަރުސާގެ ހޯލުގައި ކަމަށެވެ. މި ފޮޓޯ މަ މަޢުރަޒުގައި، 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އަދި ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ހަމަޖެހިފައިވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

"އަހަރަކު ދެފަހަރު އެމްއެންޑީއެފުން ބާއްވަމުން އަންނަ މި ފޮޓޯ މަޢުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ނޮވެމްބަރ މަހުގެ ހަތަރު އަދި ފަސް ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ." އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިފޮޓޯ މައުރަޒުގެ ތެރެއިން ޢާއިލީ ހަވީރެއްވެސް މިމަހު ހަތަރު ވަނަ ދުވަހު ސ.އަތޮޅު މަދަރުސާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް