ހިގުއައިންގެ ލަނޑުން ޔުވެންޓަސް ސަލާމަތްވިއިރު، ބާސާ އާއި އޮލިމްޕިއާކޮސް މެޗުވެސް އެއްވަރު

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީ ގައި ރޭ ކުޅުނު މެޗުގައި، ފަހު ވަގުތު ހިގުއައިން ކާމިޔާބު ކޮށްދިން ލަނޑާއެކު ޔުވެންޓަސް އިން ސްޕޯޓިން އާ އެއްވަރު ކުރިއިރު، އޮލިމްޕިއާކޮސް އާއި ބާސާ ކުޅުނު މެޗު ލަނޑެއް ނު...

01 Nov 2017 | 04:29

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީ ގައި ރޭ ކުޅުނު މެޗުގައި، ފަހު ވަގުތު ހިގުއައިން ކާމިޔާބު ކޮށްދިން ލަނޑާއެކު ޔުވެންޓަސް އިން ސްޕޯޓިން އާ އެއްވަރު ކުރިއިރު، އޮލިމްޕިއާކޮސް އާއި ބާސާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

ރޭގެ މެޗުން މޮޅުވެގެން ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުން ޔަގީން ކުރެވެން އޮތް ޔުވެންޓަސްއާ ދެކޮޅަށް ސްޕޯޓިންއިން ރޭ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޔުވެންޓަސްއިން ވަރުގަދަކޮށް މެޗު ފެށި ނަމަވެސް ސްޕޯޓިންއިން ވަނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅެ، ޔުވެންޓަސްގެ ކުޅުން ހުއްޓުވާ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ 20 ވަނަ މިނިޓުގައި ސްޕޯޓިން އަށް ލީޑު ނަގައިދިނީ އަނިޔާގައި ހުރި ވިލިއަމް ކާވަޅޯގެ ބަދަލުގައި ރޭގެ މެޗުގައި ކުޅެން ނުކުތް ބްރޫނޯ ސެޒާ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޔުވެންޓަސްއަށް އެއްވަރު ކޮށްދޭން ކަދިރާއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނެވެ.

ދެވަނަ ހާފު ފެށިގެން ޔުވެންޓަސް އިން ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްލެވުނީ މެޗުގެ ފަހުކޮޅުގައެވެ. 79 ވަނަ މިނިޓުގައި އެއްވަރުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ކްއާޑްރާޑޯ ދިން ޕާހަކުން ހިގުއައިން އެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް ބާސެލޯނާއަށް ގްރޫޕް ޑީގެ އެންމެ ފުލުގައި އޮތް އޮލިމްޕިއާކޮސް ކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، މިއީ ސްޕެނިޝް ސުޕަ ކަޕްގެ ދެވަނަ ލެގުގައި 2-0 ން ރިއަލް މެޑްރިޑް އަތުން ބަލިވި މެޗުގެ ފަހުން މި ސީޒަންގައި ބާސާއަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ބާސާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގ ގޭމެއް ކުޅުނުއިރު، ލިބުނު ގިނަ ފުރުސަތުތަކުގެ ތެރެއިން ބައެއް ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ނުހިފި، އަނެއްބައި ހަމަލާތަކުގެ ހުރަހަކަށް ވީ އޮލިމްޕިއާކޮސްގެ ގޯލްކީޕަރ ސިލްވިއޯއެވެ.

ކުރިން އޮލިމްޕިއާކޮސްއަށް ދެ ފަހަރުގެ މަތިން ކޯޗު ކޮށްދީ، ގްރީކް ސްޕަރ ލީގު ތިން ފަހަރު އަދި ކަޕް 2 ފަހަރު ކާމިޔާބު ކޮށްދިން ބާސާގެ މިހާރުގެ ކޯޗު ވަލްވަޑޭއަށް އޮލިމްޕިއާކޮސްގެ ސަޕޯޓަރުން ރޭ ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ގްރޫޕް ޑީ ގައި މިހާތަނަށް ކޮންމެ ޓީމަކަށް 4 މެޗު ކުޅެވުނު އިރު، 10 ޕޮއިންޓާއެކު އެއް ވަނައިގާ ބާސާ އޮތްއިރު، ދެ ވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ސްޕޯޓިންއަށް 4 ޕޮއިންޓް ލިބިފައިވާއިރު އޮލިމްޕިއާކޮސް އޮތީ 1 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް