ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު މެޗުން ލަނޑެއް ނުޖެހި އާމީނިއާގެ ގަރަބާގް އާ އެއްވަރު ވެފައި ވަނިކޮށް، ރޭ އަނެއްކާވެސް އެ ޓީމާ ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުގެ ސްޕެއިންގެ ވަރުގަދަ ބާރެއް ކަމަށްވާ އެތުލެޓިކޯ މެޑްރިޑަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ނުދެވުމުގެ ބިރާ ކުރިމަތި ވެއްޖެއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ސްޕެއިންގެ މިޑްފީލްޑަރ މައިކަލްގެ ލަނޑު ގްރަބާގުން ލީޑު ނެގިއިރު، ގިނަ ހަމަލާތަކެއް ބޭކާރުކޮށްލެވުނު އެތުލެޓިކޯއަށް 56 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ތޯމަސް ޕާޓީ އެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ޕެޑްރޯ ހެންރީކޭއަށް ދެއްކި ރަތް ކާޑާއެކު ގަރަބާގުން މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރި ނަމަވެސް އެތުލެޓިކޯއަށް ވަނީ މެޗުން ތިން ޕޮއިންޓް ހޯދޭގޮތް ނުވެފައެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެތުލެޓިކޯގެ ސްޓެފަން ސެވިޗްއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ކުރިއަށް އޮތް މެޗު ނުކުޅެވޭނެއިރު މިއީ އެތުލެޓިކޯއަށް ކުރިމަތިވާނެ އިތުރު މައްސަލައެކެވެ.
ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެތުލެޓިކޯ މެޑުރިޑް އޮތީ ކުޅުނު 4 މެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ރޯމާ އަތުން ބަލިވި ޗެލްސީއެވެ. ޗެލްސީއަށް 7 ޕޮއިންޓް ލިބިފައިވާއިރު އެތުލެޓިކޯއާ މައްޗަށް 4 ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. އަނެއްކޮޅުން އެއް ވަނައިގައި ރޯމާ 8 ޕޮއިންޓާއެކު އޮތްއިރު، އެތުލެޓިކޯއަށް ބާކީ އޮތް ދެ މެޗަކީ މި ދެ ޓީމާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. އެހެންކަމުން އެހެން މެޗުތަކުން ނުކުންނަ ނަތީޖާއަކަށް ބަލައި، ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދިއުމަށްޓަކާ ކުރިއަށް އޮތް އުނދަގޫ ދެ މެޗުން މޮޅުވުން އެތުލެޓިކޯއަށް މަޖުބޫރު ވާނެއެވެ.
ރޭ މި ގްރޫޕްގައި ޗެލްސީ އާއި ރޯމާ ބައްދަލު ކުރި މެޗު ނިމުނީ 3-0 ގެ ނަތީޖާއިން ރޯމާ މޮޅުވެގެންނެވެ. ރޭ ރޯމާއަށް އެލް ޝާރަވީ 2 ލަނޑު ކާމިޔާބު ކޮށްދިންއިރު އަނެއް ލަނޑު ޖަހައިދިނީ ޑިއޭގޯ ޕެރޮޓީ އެވެ. ރޭގެ މެޗުގައި ޗެލްސީގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ހެދިގެން ދިޔަތަން ފެނުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް