އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން ކުރިއަށްގެންދާ މައްސަލައަށް ތަދައްހުލުވާން ރާއްޖެއިން ހުށަހަޅައިފި

އިންޓަރނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓ...

01 Oct 2024 | 14:01

އިންޓަރނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިސްރާއީލު)" މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން"،  މައްސަލައަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން މިއަދު އައި.ސީ.ޖޭ އަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައި.ސީ.ޖޭ. އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފު ޢަމަލުތަކެއްކަމަށެވެ.

ދިވެހިރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

އެގޮތުން، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އ.ދ. ގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުހޭދުގެ ޢަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގައި ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް