ވާހަކަ: ޑައިރީ – ފަންސާސް ތިންވަނަބައި

ކުރީގެ އަދަދާއި ގުޅޭ... އިރުކޮޅަކުން އަނެއްކާވެސް ވައިއަޑުން މަޑުމަޑުން ކޮންމެސް މީހަކު އައިލީންގެ ނަމުން ގޮވާލިހެން އައިލީން އަށް ހީވެގެން ފަހަތަށް އެނބުރި ބަލާލިއެވެ. މިފަހަރުވެސް އެއްވެސް މީހަކު ފެ...

01 Oct 2024 | 09:55

ކުރީގެ އަދަދާއި ގުޅޭ...

އިރުކޮޅަކުން އަނެއްކާވެސް ވައިއަޑުން މަޑުމަޑުން ކޮންމެސް މީހަކު އައިލީންގެ ނަމުން ގޮވާލިހެން އައިލީން އަށް ހީވެގެން ފަހަތަށް އެނބުރި ބަލާލިއެވެ. މިފަހަރުވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް އައިލީން ކުރިއަށް ހިނގައިގަތުމާއެކު މިފަހަރު ފަހަތުން އިވުނީ ރާއިފުގެ އަޑެވެ.

"ހާދަވަރަކަށް ތިގޮވަނީ...؟ ކުރިން ގޮވާލީމަވެސް ބަލަލީމޭ...! މަ ބިރުގަންނަވާލަން ފިލީދޯ...؟ މި ރޯމާދުވާލު އަހަރެން ބިރުގަންނާނެތަ...؟" އައިލީން ފަހަތަށް ބަލާލުމަށްފަހު ރާއިފު ފެނުމާއެކު ސަމާސާ ރާގަކަށް ބުންޏެވެ.

"ހަމަ ދިޔަގޮތަށް ގޮސް ފެންފުޅި ގަނެގެން މިއައީ...! އަހަރެން މާވަރަކަށް އައިލީން އަކަށް ނުގޮވަން...! ފިލާ ހުރިނަމަތާ މުޅިތަން ހޯދަމުން އައިލީންއަށް ގޮވާނީ...!" ރާއިފު އަތުގައި އޮތް ފެންފުޅި އައިލީން އާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.

"މި ގަސްތަކުގައި އަޅާފަ މިހިރަ މާތައް ރީތިކަމުން މިތާގައި ހަމަ ހިނގާލާހިތްވީ...! ރާއްޖޭގައި ނުހުންނަ ހާދަ ގިނަ މަލެއް މިތާ އެބަހުއްޓޭ...! ހިތަށް މިއަރަނީ މިތަންތަނުން ގަސްގެންގޮސްގެން މާލޭގައި ވިއްކާ މީހުން މިކަހަލަ ރީތި މާގަސްތައް ގެންގޮސްގެން ނުވިއްކަނީ ކީއްވެބާއެ...! ބަލާބަލަ މިހިރީ ފެހިކުލައިގެ ފިނިފެންމާ ވެސް...! ކިހާރީތި...! ރާއްޖެއަކުން އަހަރެން ދުވަހަކުވެސް ނުދެކެން ފެހިކުލައިގެ ފިނިފެން މަލެއް...! ކައިރީގައހުރި ފިނިފެންމާ ގަސްތައް ދައްކާލަމުން އައިލީން ބުންޏެވެ.

"މިތާ މިހިރަ ގަސްތައް ބަލާލަން މަޑުކޮށްލާފަތަ ހޮޓަލަށް ދާނީ..." އައިލީން އާ އެކު ހިނގައިގަންނަމުން ރާއިފު އެހިއެވެ.

"ނޫނޭ ހިނގާ ދެން ދާން..! މިއަދު ޖެހޭނެ ކުޑަކޮށް ކާރު ދުއްވާލާ ތަންތަން ބަލާލަން ދާން...! މިކޮޅަށް އައިފަހުން އަދި އެއްވެސް ތާކަށް ނުދެވޭ...! މިހެން އާދޭ...! މިތަނުން ނުކުންނަށް ދާންޖެހޭނީ މިދިމާއަށް...!" އެއްފަރާތު އަރިމައްޗަށް އިނގިލި ދެއްކޮލަމުން އައިލީން ބުންޏެވެ.

އައިލީން އާއި ރާއިފު ދިޔައީ އެމީހުން ކުއްޔަށް ނަގާފައިއޮތް ކާރު ޕާކްކޮށްފައި އޮތް ދިމާއަށެވެ. ރާއިފު ކާރަށް އެރުމުން އައިލީން އަނެއްފަރާތަށް ގޮސް ކާރުގެ ކުރީ ސީޓަށް އެރުމަށްޓަކައި ދޮރުހުޅުވާލި ވަގުތު އަނެއްކާވެސް މީހަކު ތުމުން ފުމެލިއަޑު ފަހަތުން އިވުމާއެކު އައިލީން ފަހަތް ބަލާލިއެވެ. އައިލީން އަށް އިވުނީ ހަމަ ބަގީޗާ ތެރެއިންވެސް އިވުނު އަޑެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ކިހިނެތްވީ...؟" އައިލީން ކާރަށް އަރާ އިށީނުމުން ރާއިފު ސުވާލުކޮށްލިއެވެ.

"މީހަކު ތުމުން ފުމެލިހެން ހީވެގެން މި ބަލާލީ...! ބަގީޗާ ތެރޭގައި ހުއްޓަވެސް ހަމަ އެއަޑު އިވުނޭ...! އެކަމަކު އެއްވެސް މީހަކު ނުފެނުނު...! ރާއިފު ބުނީމެއްނު އޭރު އަހަންނަކަށް ގޮވައެއްވެސް ނުލަމޭ...! އެކަމަކު މީހަކު މަޑުމަޑުން އަހަންނަށް ގޮވާލިހެންވެސް ހީވިއޭ..! އަނެއްކާ އަހަރެން ބޯގޮވަނީތަ...؟" ކުޑަކޮށް ހީނލާފައި ސަމާސާ ރާގަކަށް އައިލީން ބުނެލިއެވެ.

"އައިލީން މާބޮޑަށް ވިސްނަނީއޭ...! ކޮންކަމަކާ ވިސްނާކަށް...! ހުރިހާކަމެއްވެސް ރަނގަޅުވާނެ...! ހިނގާ ދުއްވާލަން..! ކުޑަކޮށް ދުއްވާލާފައި ކޮންމެސް ރެސްޓޯރަންޓަކަށްވަދެ ކާލައިގެން ހޮޓަލަށް ދަނީ...!" ކާރު ސްޓާޓް ކޮށްލަމުން ރާއިފު ވާހަކަ ދެއްކިއެވެ.

ހޮސްޕިޓަލު ތެރެއިން ނުކުމެގެން ގޮސް ހައިވޭއަށް އަރައިގެން ރާއިފު ކާރު ދުއްވަމުން ދިޔައީ ވަރަށް ބާރު ސްޕީޑެއްގައެވެ.

"ހާދަ ބާރަށް ތިދުއްވަނީ...! ކުޑަކޮށް މަޑުކޮށްބަލަ...!" ރާއިފު މާ ބާރަށް ކާރުދުއްވާތީ އައިލީން ކުޑަކޮށް ބިރުން އިނދެ ބުންޏެވެ.

"މިއީ އެހާ ބާރެއް ނޫނޭ...! ހައިވޭ ގައި ދުއްވަން އޮންނަ ވަރަށް މިދުއްވަނީ...! އައިލީން އަށް އެއްވެސް ކަމެއް އެބަ ނޯޓިސް ކުރެވޭތަ...؟" އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ރާއިފު ސުވާލު ކޮށްލިއެވެ.

"ނޫނޭ، އެއްވެސް ކަމެއް ނޯޓިސްއެއް ނުވެ...! އަނެއްކާ ކިހިނެތްވީ...؟" އައިލީން ހައިރާންވެފައި އިނދެ ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ސުވާލު ކުރިއެވެ.

"ފަހަތަށް އެނބުރި ބަލާލަބަލަ...! އޮރެންޖު ކުލައިގެ ކާރެއް ފަހަތުން އަންނަތަން އެބަފެނޭތަ...؟" ރާއިފު ސުވާލު ކޮށްލިއެވެ.

އައިލީން ފަހަތް ބަލާލިއެވެ. އޭރުން އައިލީން މެންތިބި ކާރުގެ ފަހަތުން ވަރަށް ކައިރިން އޮރެންޖު ކުލައިގެ ކާރެއް އާދެއެވެ.

"އާނ...! އެބައާދެ އޮރެންޖު ކުލައި ކާރެއް...! އަނެއްކާ އެކާރު ކިހިނެތްވީތަ...؟" އައިލީން ހައިރާންވެފައި އަނެއްކާވެސް ސުވާލު ކުރިއެވެ.

"ވަރަށް ގިނައިރުވެއްޖެ އެކާރު ފަހަތުން އަންނަތާ..! ހީވަނީ އަހަރުމެން ފޮލޯ ކުރާހެން...! އެހެންވެ އަސްލު މިހާބާރަށް މި ދުއްވަނީ...!" ރާއިފު ފަހަތަށް ބަލާލުމަށްފަހު ބުންޏެވެ.

"އަނެއްކާ ކިހިނެތްވީބާ...؟ ޔަގީންތަ އެއީ ހަމަ އަހަރުމެން ފަހަތުން އަންނަ ކާރެއްކަން...! ގޮތް ބަލާލަން މަގު ބަދަލުކޮށްލަން ހިނގާބަލަ...!" އަނެއްކާވެސް ފަހަތަށް ބަލާލަމުން އައިލީން ބުންޏެވެ.

"މަށަށް ހީވަނީ އަހަރުމެން ފަހަތުން އަންނަ ކާރެއް ހެން...! އެކަމަކު ހައިވޭ ނިމުނީމަތާ އެހެން މަގަކަށް އެޅޭނީވެސް..." ރާއިފު ކާރުގެ ދުވެލި ބާރުކޮށްލަމުން ބުނެލިއެވެ.

ރާއިފު ކާރުގެ ދުވެލި ބާރުކޮށްލުމާއެކު މަޑުމަޑުން ދެކާރު ދޭތެރޭގެ ދުރުމިން ބޮޑުވަމުންދިޔައެވެ. އެހެންނަމަވެސް ފަހަތުން އައި ކާރުގެ ދުވެލިވެސް ކުރިއަށްވުރެ ބާރުވަމުން ދިޔައެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ރާއިފު ދުއްވަމުން ދިޔަ ކާރު ހައިވޭ އިން ފައިބައިގެން އައިސް ފުރަތަމަ ޖެހުނު މަގު އެޅިއެވެ. އަދި އެމަގުން އެޅެން އޮތް ގޯޅީ އަޅައިގެން ކުރިއަށް ދުއްވަމުން ގެންދިޔައެވެ.

"ކޮބާ އަދިވެސް އެކާރު އެބައާދޭތަ...؟" ރާއިފު، އައިލީން އާ ސުވާލުކޮށްލިއެވެ.

"ނޫނޭ..! ނާދޭ...! އެ ކާރަށް އަހަރުމެން ގެއްލުނީ ކަންނޭނގެ... ނަސީބެއްނު...! ވެދާނެ ފޭރޭ ބައެއް ކަމަށްވެސް...!" ފަހަތަށް އެނބުރި ބަލާލުމަށްފަހު އައިލީން ބުނެލލިއެވެ.

"ހިނގާ ދެން އެއްޗެއް ކާންދަމާ...! އެއްޗެއް ކާލައިގެން ދެންދާނީ...!" އަނެއްކާވެސް ބޮޑު މަގަކަށް އަޅަމުން ރާއިފު ބުންޏެވެ.

އެދުވަހު އެކީ ބޭރުގައި އެކިއެކި ތަންތަން ބެލުމަށް އުޅުމަށްފަހު އައިލީން މެން ހޮޓަލަށް ދިޔައީ ރޭގަނޑު ނުވައެއްވެސް ޖެހިފަހުންނެވެ.

"މާދަން އަލުން އެހެން ޑޮކްޓަރަކަށް ދައްކާނީ ދޯ...؟ އޭރުން އެޑޮކްޓަރު ބުނާއެއްޗެއްވެސް އެނގިދާނެތަ..." އެއްޗިހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯންނަމުން ރާއިފު ބުންޏެވެ.

"ރާއިފު އަށް އެނގޭނީ...! އެކަމަކު އަހަރެން ވާހަކައެއް ބުނަންތަ...؟" އައިލީން ވަރަށް ވިސްނަން އޮތުމަށްފަހު ސުވާލު ކުރިއެވެ.

"ބުނެބަލަ...! ވާހަކައެއް ބުނާއިރު ހުއްދައެއް ހޯދަން ޖެހޭތަ...؟" ރާއިފު ހީނލާފައި ބުނެލިއެވެ.

"އެކަމަކު ރުޅި އައިސްގެން ނުވާނެ...! އަދި މިކަމަށް އެއްބަސްވެސް ވާންޖެހޭނެ..." ސީރިއަސްވެފައި އައިލީން ބުނެލިއެވެ.

"އައްދެ، ހާދަ ސީރިއަސްވެފައި... ރުޅިއެއް ނާންނާނަމޭ...! ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް...! އެކަމަކު އެއްބަސްވާން އެނގޭނީ ތި ވާހަކައެއް ބުނީމަތާ..." ރާއިފުވެސް ޝައުޤުވެރިކަމާއެކު ބުނެލިއެވެ.

"މާދަމާ ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރ ކޮންމެ އެއްޗެއް ބުންޏަސް އަހަރުމެން ހިނގާ މިކޮޅުން ބޭބީއެއް އެޑޮޕްޓްކޮށްގެން މާލެ ދާން..! ޕްލީސް..! ނޫނެކޭ ނުބުނައްޗޭ..." ރާއިފު އާ ދިމާއަށް ބަދަން އޮވެ އައިލީން ވަރަށް ސީރިއަސް ވެފައި ވާހަކަ ދެއްކިއެވެ.

"އައިލީން އަށް އެނގޭތަ ތިއީ އެހާ ފަސޭހަ ކަމެއް ނޫނޭ...! ތިކަމުގައި ވަރަށް ގިނަ ޕްރޮސީޖަރ ތަކެއް ހުންނާނެ..! އެހެން ނޫނަސް ކުއްޖަކު އެޑޮޕްޓް ކޮށްގެން އަހަރުމެންނަށް އެކުއްޖަކަށް ބޭނުންވާ ލޯބި ދެވިދާނެތަ...؟ ދުވަހުގެ ކޮޅުންވެސް އަހަރުމެންނަށް އަހަރުމެންގެ އަމިއްލަ ދަރިޔަކު ލިބިއްޖެނަމަ އެޑޮޕްޓް ކުރާ ކުއްޖަކަށް އެކަށީގެންވާ ވަރަށް ލޯބި ދެވިދާނެތަ...؟ ތިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް..." އައިލީން ދެއްކިވާހަކައިން ރާއިފުވެސް ވަރަށް ބޮޑަށް ސީރިއަސް ވިއެވެ.

"އަހަރެން ބޭނުން ކުއްޖެއް...! ރާއިފުވެސް ބޭނުމެއްނު...! އެހެންވީމާ މިނޫން ގޮތެއް ނެތޭ...! އަހަރުމެންނަށް ކުއްޖަކު ލިބުނަސް ދެކުދިންނަށް އެއްވަރަށް ވެސް އަހަންނަށް ލޯބި ދެވިދާނެއޭ..! ޕްލީސް ރާއިފު...! މިކަމާ އެއްބަސްވެބަލަ...!" އައިލީންގެ ލޮލުން ކަރުނަ ހިލުނެވެ.

"ތިކަމާ ވިސްނާލާނަން...! އެކަމަކު ތިއީ ކުއްލިއަކަށް ގޮތެއް ނިންމާލެވޭވަރުގެ ކަމެއް ނޫނެއްނު..." އައިލީންގެ ގައިގައި ހިފާ ކައިރިކޮށްލަމުން ރާއިފު ބުނެލިއެވެ.

"އަހަރުމެން ދެމީހުން އެއްބަސްވެގެން އެކަން ކުރަން ބޭނުންވީމަ ދެން އެކަމާ ވިސްނާކަށް ނުޖެހޭނެއެއްނު...! ދެން އޮންނާނީ ޝަރުޢީ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމެއްނު...! ވިސްނާލަބަލަ އެކަމާ...! ލޯބިލޯބި ކުއްޖަކު އަހަރުމެންނަށް ލިބުނީމަ، އަހަރުމެންގެ ދިރިއުޅުން ކިހާ އުފާވެރިވާނެ...! ޕްލީސް..." އާދޭސް ކުރާ ރާގަށް އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އެންމެ ރަނގަޅު، މިރޭ ދެން ހިނގާ ނިދަމާ...! ތިކަމާ އަހަރެން ވިސްނާލާނަން..." ރާއިފު އެނދުމަތީގައި ހަމަޖެހިލަމުން ބުނެލިއެވެ.

ފަތިހުގެ ވަގުތެވެ. އައިލީން އަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނު އިރު ވާރޭ ވެހެއެވެ. ހޭލެވިގެން ލޯ ހުޅުވާލުމާއެކު އައިލީން އަށް ބަލާލެވުނީ ކުޑަދޮރާ ދިމާއަށެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާނުލާ ހުރުމުގެ ސަބަބުން ކުޑަދޮރުން ބޭރުގެ އަލި ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ. އިރުއިރުކޮޅާ ވިދާލާވިދުވަރުގެ އަލިވެސް ބިއްލޫރިގަނޑު ތެރެއިން ކޮޓަރިތެރެއަށް އެޅެމުން ދިޔައެވެ. ޖެހޭ ބާރު ވައިގެ ސަބަބުން ބޭރުގައި ހުރި ބޮޑު ގަހުގެ ގޮފިގަނޑެއް އިރުއިރު ކޮޅާ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ކޭއްތެމުންދާއިރު ސިފަވެގެންދަނީ ބިރުވެރި މަންޒަރެކެވެ. އެހާ ބޯކޮން ވާރޭ ވެހެމުންދާއިރުވެސް ފެނުނު ހުވަފެނުގެ ސަބަބުން އައިލީން އޮތީ ދާހިއްލާ ފޯވެފައެވެ. އެވަގުތު ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ދެތިން ފަހަރު ޖަހާލިއެވެ. އައިލީން ބަލާލީ ކޮޓަރީގައި ހަރުކޮށްފައިހުރި ގަޑިއަށެވެ. އޭރު ގަޑިން ފަތިހު ފަސްގަޑި ފަނަރަ ހިނގަނީއެވެ. އައިލީން ގުޑާލަންވެސް ނުކެރިފައި އޮތެވެ. އަނެއްކާވެސް ވަރަށް ބާރަށް ދެފަހަރު ދޮރުގައި ޖަހާލިއެވެ. އައިލީން އެއޮތްގޮތަށް އޮވެ މަޑުމަޑުން ރާއިފުއަށް ގޮވަން ފެށުމާއެކު ރާއިފު ލޯ ހުޅުވާލިއެވެ.

"މީހަކު... މީހަކު... ދޮރުގައި އެބަތަޅާ...! ކޮންމެސް މީހަކު ބޭރުގައި އެބައުޅޭ..." ބިރުން ގޮސް އައިލީން އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 03 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް