އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މުއިއްޒާ ބައްދަލުކުރައްވައި، ރައީސް ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މި ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށާއި، މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސް ގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސްގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސްްގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އިއްޔެ ބޭއްވުނު އިންތިޚާބުގެ ނަތީޖާ، ރޭ އިޢުލާނު ކުރުމާ އެކީގައި ނަތީޖާ ގަބޫލުކުރައްވައި، އެ މަނިކުފާނަށް ރައީސް ގުޅުއްވައިލެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސްއަަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ހިނގައިދިޔައީ، ވަރަށް ރަނގަޅަށްކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް މުއިއްޒު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، ޕީ.އެން.ސީ.ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް