ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔައިރު ގދ.ވާދޫގައި ބޭއްވިގެންދިޔަ ވޯޓްފޮށި ފަޅާލައިފައިވާ މީހާގެ ބަންދަށް 60 ދުވަސް ކޯޓް އިން ދީފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ވޯޓް ފޮށި ފަޅާލައިފައިވާ މީހާ އަކީ އުމުރުން 35 އަހަރުގެ މީހެކެވެ. އަދި އެ މައްސަލައާއި ގުޅިގެން އޭނާ ވަނީ އިއްޔެ ހައްޔަރުކުރައްވާފައިއެވެ.
ފުލުހުން އިއްޔެ ބުނީ، އެ ފޮށި ފަޅާލާފައި ވަނީ ވޯޓުލާން ދިޔަ މީހެއް ކަމަށެވެ.
ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލާފައި ވަނީ، ރަށު ކައުންސިލްގެ އިހުމާލުން ވޯޓު ނުލެވުނު މީހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
“ދުވަސް” އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އެމީހާއަށް ވޯޓު ނުލެވުނީ، ކައުންސިލްގެ އިހުމާލުން، އައިޑީކާޑު ނުލިބިގެން ކަމަށެވެ. އެހެންކަމުން ވޯޓުލާން ގޮސް، ނުލެވުމުން އެކަމުގެ ރުޅީގައި ވޯޓު ފޮށި ފަޅާލީ ކަމަށެވެ.
މިހާރު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައިކަން ފާހަގަ ކުރައްވައި ހަބީބް ވިދާޅުވީ، އޭނާކުރީ އިންތިހާބީ ކުށަކާ ޖިނާއީ ކުށެއް ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ ފޮށި ފަޅާލާފައި ވަނީ ވޯޓުލާން ދިޔަ މީހެއް ކަމަށެވެ. އެ މައްސަލަ ރިޕޯޓު ކޮށްފައި ވާތީ ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށް ފުލުހުން ބުންޏެވެ.
“މައްސަލައާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފަ” ފުލުހުން ބުނެފިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް