ށ. މާއުނގޫދޫ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.
މިއަދު ބޭއްވީ މައުނގޫދޫ ކައުންސިލްގެ އާންމު މެމްބަރަކު އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން އެވެ. މި އިންތިހާބުގައި ވާދަ ކުރީ އެމްޑީޕީ އާއި ޕީޕީއެމްއިންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމު ކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާއަށް ކުރިމަތިލައި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު ޝިމާނާއަށް ލިބިފައިވަނީ 346 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް ވަހީދަށް ލިބުނީ 281 ވޯޓެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 827 މީހުން ތިބެވެ. އޭގެ ތެރެއިން 645 މީހުން ވޯޓު ލި އިރު ސައްހަ ވޯޓަކީ 627 ވޯޓެވެ.
މިއަދު އިތުރު ތިން ދާއިރާއެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަން ބާއްވާފައިވެ އެވެ. އެ ދާއިރާތަކުގެ ނަތީޖާ ދައްކާ ގޮތުން ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓު ސޯބިރާ މުހައްމަދެވެ.
ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ އައިޝަތު ޒިޔާދާ އެވެ. ތ. ގުރައިދޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓު ޝަރުމާ އަލީމަނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް