ކުރިޔަށް އޮތް ފަސް ދުވަހު މޫސުން ގޯސް: ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ. އެ އި...

01 Oct 2022 | 18:35

ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މައުލޫމާތު ދީފައިވާ ކަމަށެވެ. މެޓުން ލަފާ ކުރާގޮތުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާއިގަ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ގެއަށް ފެން ނުވަންނާނެހެން ގޭ ދޮރުމަތީގައި ވެލިބަސްތާ ޖެހުމަށް އެދޭ ކަމަށެވެ. އެ އިދާރާއިން ވަނީ ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ، ގެއްލުންވާނެ މުދާތައް ފެން ނުޖެހޭ އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށް އެދިފައި އެވެ.

ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭ ނަމަ، ވާ ކަހަލަ އެއްޗެއް ބޭނުންކޮށްގެން އެއްސުމަށާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ކަމަށް ބެލެވޭ ތަކެތި ބަނދެ ރައްކާތެރިކުރުމަށްވެސް އެދިފައިވެ އެވެ.

އަދި ބޭނުންނުކުރާ ނަމަ، ކަރަންޓުން ބޭނުންކުރާ ސާމާނު ނިއްވާލާފައި ބެހެއްޓުން މުހިންމެވެ. މީގެ އިތުރުން ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބަލައިގެން ދަތުރުކުރުން. [ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުުރުން.] އެންޑީއެމްއޭއިން އިލްތިމާސް ކުރެ އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް