ސޫތުކުޅިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް ކަނޑުވެ އެ ބޯޓުން ގެއްލުނު ފަޅުވެރިޔާ މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ދެންމެ ބުނެފައިވަނީ އެ ފަޅުވެރިޔާ ހޯދަމުންދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް ހަވީރު 5:25 ހާއިރު އެމީހާ ފެނިފައިވާކަމަށެވެ. އަދި އެމީހާ މާލެ ގެނައުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާގެ ހާލާއިމެދު އެމްއެންޑީއެފުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާގޮތުގައި ސެޕްޓެންބަރު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ ކުރަމުންނެވެ.
އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށާއި އަދި، އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމުގައި ކުރިން އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް