ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް ސޯލިހު ތަޙުނިޔާ ފޮނުއްވައިފި

ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙ...

01 Oct 2022 | 12:16

ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޙުނިޔާ ވިދާޅުވެ ސިޓީއެއް ފޮނުއްވައިފިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ފޮނުއްވި ސިޓީގައި، ޗައިނާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ޤައުމުގެ ކުރިމަގު އިތުރަށް ތަރައްޤީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި، ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ވެސް އެމަނިކުފާނުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ޕްރެމިއަރ ލީ ކީކްޔާންގަށް ވަކިން ފޮނުއްވި ސިޓީގައި، ދެޤައުމުން ވެސް ޝައުޤުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް