ޕްރިމިއާ ލީގު: ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިޔަކަށް ރަޝްފޯޑަށް، އެންމެ މޮޅު ކޯޗަކަށް ޓެން ހާގަށް

ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ އިނގިރޭސި ޕްރމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަޤާމަށް ޔުނައިޓެޑުގެ ކޯޗު...

01 Oct 2022 | 07:26

ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ އިނގިރޭސި ޕްރމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަޤާމަށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގު ހޮވިއްޖެއެވެ.

ނިމިގެން ދިޔަ މަހުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރަޝްފޯޑަށް ލިބުނުއިރު، މިއީ އޭނާގެ ކެރިއަރުގައި މި މަޤާމު ލިބުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މަޤާމު ރަޝްފޯޑަށް ލިބުނީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ.

ނިމިގެން ދިޔަ ސެޕްޓެމްބަރު މަހަކީ ރަޝްފޯޑަށް މި ސީޒަނުގައި އެންމެ ރަނގަޅު ފޯމެއްގައި ރަނގަޅު ކުޅުމެއް ދެއްނުކު މަހެވެ. ރަޝްފޯޑް ވަނީ ނިމިގެން ދިޔަ މަހުގެ ތެރޭ ލީގުގައި ލެސްޓާ ސިޓީއާއި އާސެނަލް އަތުން ޔުނައިޓެޑު މޮޅުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މޮޅު ކުޅުމެއް ދައްކާާ ދެ ގޯލާއި ދެ އެސިސްޓް އޭނާ ވަނީ ހަދާފައެވެ.

އުމުރުން 24 އަހަރުގެ ރަޝްފޯޑް އަކީ މިވަގުތު ޔުނައިޓެޑުގައި އެންމެ ފޯމުގައި ހުރި ފޯވާޑް ކުޅުންތެރިޔާއެވެ. ޓެން ހާގް ޔުނައިޓެޑުގެ ކޯޗު ކަމާއި ހަވާލުވިފަހުން ޤަވައިދުން ރަޝްފޯޑަށް ފުރަތަމަ އެގާރައިން ފުރުސަތު ދެމުން އަންނައިރު އޭނާ މިވަގުތު ވަނީ ކުރީގެ މޮޅު ކުޅުމަށް އެނބުރި އައިސްފައި ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ނިމިގެން ދިޔަ މަހުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރަޝްފޯޑް ހޯދީ ޕިއެރޭ އެމިލް ހޮޖްބްޖެގް، އެލެކްސް އިވޯބީ، ޖެކޮބް ރަމްސީ، ކެވިން ޑި ބްރެއިނާ އަދި ފިލިޕް ބިލިންގް އާއި ވާދަކޮށެވެ. ޕްރިމިއާ ލީގުގެ ޕްލޭޔަރ އޮފް ދި މަންތް އަށް ކުޅުންތެރިން ހޮވަނީ އާންމުންގެ ވޯޓާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ ޕެނަލެއްގެ ވޯޓުންނެވެ.

ނިމިގެން ދިޔަ މަހުގެ އެންމެ މޮޅު ކޯޗަކަށް ވެސް ހޮވިފައިވަނީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގުއެވެ. އެރިކް ޓެންހާގް އަށް މި މަޤާމު ލިބުނީ ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަދި މެންޗެސްޓަރ ސިޓީގެ ޕެޕް ގާޑިއޯލާއާއި ވާދަކޮށެވެ.

ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޓެން ހާގް އަކީ ޔުނައިޓެޑާއި އެކު އެ ކުލަބު ބޭނުންވާ ހުރިހާ ކާމިޔާބީތަކެއް ވެސް ހޯދައި ދެވޭނެ ފެންވަރު ހުރި މޮޅު ކޯޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް