ޔޫކްރޭން ހިފަން ރަޝިޔާއިން ފެށި ހަނގުރާމައިގާ ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގެންދެވުނު ހަތަރު ސަރަހައްދަކީ ދާއިމީ ގޮތެއްގައި ރަޝިޔާގެ ބައިތަކެއްކަމުގައި ކަނޑައަޅައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އެކަން އިއުލާނުކުރައްވައިފިއެވެ.
އެގޮތުން ރަޝިޔާގެ ސަރަހައްދުތައް ކަމުގައި އަލަށް ކަނޑައަޅުއްވާފައިމިވަނީ ކްރިމިއާ އާއި އެއް ރޮނގަކަށް އޮންނަ ހަތަރު ސަރަހައްދުކަމުގައިވާ ޚާސަން އާއި ޒަޕޮރީޒިއާ އާއި ޑޮނެސްކްގެ އިތުރުން ލުހާންސްކް އެވެ.
މި ސަރަހައްދުތައް ރަޝިޔާއާއި ގުޅެން ބޭނުންތޯ ބަލަން މިދިޔަ ހަފްތާގެ ތެރޭގައި ވޯޓެއް ކުރިއަށްގެންދިޔައެވެ. އެ ވޯޓުގައި ވޯޓު ހޯދަން ދޮރުން ދޮރަށް، ރަޝިޔާއިން ކަނޑައެޅި އޮފިޝަލުން ހިނގިއެވެ. ވޯޓަށްފަހު ނަތީޖާ އިއުލާނުކުރިއިރު ރަޝިޔާއިން ހާމަކުރި ގޮތުގައި އެ ހަތަރު ސަރަހައްދުންވެސް 90 އިންސައްތަ ރައްޔިތުން ބޭނުންވަނީ ރަޝިޔާއާއި ގުޅޭށެވެ. ނަމަވެސް އެއީ ބޮޑު އޮޅުވާލުމެއްކަމުގައި ޔޫކްރޭންއިން ބުނެއެވެ.
މީގެ ކުރިން ރަޝިޔާއިން ހިފައި، އެ ގައުމުގެ ބައެއްކަމުގައި ބަލަމުން އަންނަ ކްރިމިއާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕޫޓިން ވިދާޅުވީ އަލަށް ލިބުނު ސަރަހައްދުތަކަކީ ދެން ރަޝިޔާގެ ސަރަހައްދުތައް ކަމަށާއި އެއީ އެތައް މިލިޔަން ރައްޔިތުންނެއްގެ ނިންމުމެއް ކަމަށެވެ.
ފެބްރުއަރީ 24ގައި ރަޝިޔާއިން ޔޫކްރޭނާއި ދެކޮޅަށް ފެށި ހަނގުރާމައިގާ މާ ބޮޑު ކުރިއެރުންތަކެއް ނުލިބުނު ނަމަވެސް ޔޫކްރޭންގެ ހަތަރު ސަރަހައްދެއް މިވަނީ އަތުލައިގެންފައެވެ. 2014 ވަނަ އަހަރު ޔޫކްރޭންގެ އަތުން ރަޝިޔާއިން ކްރިމިއާ އަތުލައިގަތީވެސް މިފަދަ ގޮތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް