ދުވަހުގެ މޫސުން: ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް މޫސުން ގޯސް ކަމަށާއި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމ...

01 Oct 2022 | 02:27

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް މޫސުން ގޯސް ކަމަށާއި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކުރީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

"ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މެޓުން ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގައި އާއްމުގޮތެއްގައި ކަނޑުތައް ގަދަވާނެއެވެ. އަދި ދެކުނުގައި އާދައިގެވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. ރާޅުގެ މި އުސްމިނަކީ ރާއްޖޭގެ ބައެއް ރަށްރަށަށް ކުރިން އުދައިގެ އަސަރުކޮށްފައިވާ އުސްމިނެކެވެ.

މެޓުން މޫސުމީ ބުލެޓިންގައި ހާއްސަގޮތެއްގައި ފާހަގަކޮށްފައިވަނީ އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި އަދި ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް