އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކޮރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައި ބަޔާނެއްނެރެފި އެވެ.
މި ބަޔާން ނެރެފައިމިވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ، ސީސީޓީވީ ކެމެރާއާއި ކުޅެފައިވާ ދަނޑިވަޅެއް ގައެވެ.
މިގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާނުގައި އުއްތަމަ ފަނޑިޔާރުގެ ގެ ކޮޅަށް މީހަކު ވަދެގަނެފައި ވީހިނދު، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު އެމްޑީޕީ އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އެގޮތުން ފާހަގަ ކުރައްވާފައިވާގޮތުގައި ދަޢުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތް ކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭންޖެހެ އެވެ.
ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ޢާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުން ލާޒިމު ކޮށްފައިވީހިނދު، އެމަނިކުފާނުގެ ޢާއިލާ މިވަގުތުވެސް ދިރިއުޅުއްވާ ޢާއިލީ ގެކޮޅުގެ ސިކިއުރިޓީ ފޫއަޅުވާލައި އެގެކޮޅަށް މީހަކު ވަނުމުގެ ފުރުސަތު ލިބިފައިވާކަމީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔަނުގައި ވަނީ ބުނެފަ އެވެ. އަދި އެކަމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މިފަދަ ކަންކަމަށް ސަމާލުކަންދީ އިހުމާލުނުވުމަށާއި ފަރުވާތެރިވެ، ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް