ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ މަޝްވަރާއާއި ޚިޔާލަކީ ވަރަށް މުހިއްމު އެއްޗެއް ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދުފާހަގަކުރާ އުމުރުން ދުވަސްވީ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ނެރުނު ބަޔާކެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނަކީ ޤައުމަށާއި މުޖުތަމަޢަށް އެތައްގިނަގުނަ ޚިދުމަތްތަކެއްކޮށް ތަފާތު ތަޖުރިބާތައް ލިބިފައިވާ ފަރާތްތަކެއް ކަމަށެވެ.
ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ މަޝްވަރާއާއި ޚިޔާލަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ވުމާއިއެކު، ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އެފަރާތްތައް ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ހަމައެއާއެކު އުމުރުން ދުވަސްވީ ފަރާތްތައް ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުމަށް ޢާއިލާތަކުންނާއި ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރުމަކީ ވެސް މުހިއްމުކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ޙީލަތުން، ނޭދެވޭ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް ބޭނުންތެރިކަމެއް ކަމަށް ބުނެފައި ވެއެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށާއި އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު، އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ މަންމައިންނާއި ބައްޕައިންނާއި، މާމަ އިންނާއި، ކާފައިންނަށް ހެޔޮކަށް ހިތައި، ރައްކާތެރިކަމާއި އަބުރުވެރިކަމާއެކު، ކަރާމާތްތެރި ދިރިއުޅުމެއް އެފަރާތްތަކަށް ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށް ދިނުމަކީ މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެއް." ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައި ވެސް ތަފާތު ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުން ދާކަމީ، އެ މިނިސްޓްރީގެ ނުހަނުބޮޑު ކަންބޮޑުވުމެއް ކަމަށާއި އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ދިމާވާ މިފަދަ އަނިޔާވެރި ޢަމަލުތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް