މި މަހުގެ ނިއަލަށް ތިން ރަށެއްގެ ސެޓްލައިޓް ސްކޫލް ހުޅުވަނީ

ބ. ފެހެންދުއާއި ވ. ރަކީދުއާއި އެ އަތޮޅު ތިނަދޫގައި ޤާއިމުކުރާ ސެޓެލައިޓް ސްކޫލުތައް މިމަހުގެ 24ގައި ހުޅުވައި ކިޔަވައިދޭން ނިންމައިފިއެވެ. "ސެޓެލައިޓް ސްކޫލް" ޤާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން...

01 Oct 2021 | 06:00

ބ. ފެހެންދުއާއި ވ. ރަކީދުއާއި އެ އަތޮޅު ތިނަދޫގައި ޤާއިމުކުރާ ސެޓެލައިޓް ސްކޫލުތައް މިމަހުގެ 24ގައި ހުޅުވައި ކިޔަވައިދޭން ނިންމައިފިއެވެ.

"ސެޓެލައިޓް ސްކޫލް" ޤާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގައެވެ. މިމަސައްކަތުގެ ދަށުން، ބ. ފެހެންދުއާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ވަނީ ފަށައިފައެވެ.

ދައުލަތުގެ ބަޖެޓުން 10000000 (އެއް މިލިއަން) ދިވެހި ރުފިޔާ ހަރަދުކޮށްގެން ފެހެންދޫގައި ސެޓެލައިޓް ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާއެވެ. ތިނަދުއާއި ރަކީދޫގެ ސެޓެލައިޓް ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެވެ. ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ އަދި ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މިސްކޫލްތައް އޮކްޓޫބަރުމަހުގެ 24ގައި ހުޅުވުމަށްނިންމާފައި ވެއެވެ. އަދި ސްކޫލްތަކުން ކިޔަވަން ބޭނުންވާ ކުދިން އޮކްޓޫބަރުމަހުގެ 14ގެ ކުރިން ފޯމު ހުށަހަޅަން ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރީ މިސްކޫލްތަކުގައި ކިޔަވަން ބޭނުންވާ ކުދިންނަށް މިއަހަރުގެ ނިޔަލަށް ބޭނުންކުރާނީ އެކުދިން މިހާރު ކިޔަވާ ސްކޫލުގެ ޔުނިފޯމު ކަމަށެވެ.

ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ގާއިމް ކުރެވޭ ޕްލެޓްފޯމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް