ދިވެހިން ފޯނުން ދައްކާ ވާހަކަ ވެސް އިންޑިއާ އަށް އެނގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ދައުލަތުގެ ވައިގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ބާރަކާއި އިހުތިޔާރެއް އިންޑިއާ ސަރުކާރަށް ދޫކޮށްލާފައިވާ ކަމަށާއި ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް މިއަދު އިންޑިއާ އަށް ދީފައިވާ ކަމަށެވެ.
ދިވެހި ފުލުހުންނާއި ސިފައިންނަށް ނޭނގޭ ގައުމުގެ ސިއްރުތައް މިއަދު އެނގެނީ އިންޑިއާ އަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ދިވެހި ކޮންމެ ރައްޔިތެއްގެ ފޯނުން ދައްކާ ވާހަކަ، އިންޓަނެޓުން ކުރާ މުއާމަލާތް ބެލޭނެ އިންތިޒާމު އެހެރީ އިންޑިއާ އެމްބަސީގައި ހަމަޖައްސާފައި" އަދުރޭ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، އަދުރޭ ވިދާޅުވީ އިންޑިއާގެ އަސްކަރީ ބާރު ހދ. ހަނިމާދޫއާއި، ލ. ކައްދޫއާއި، އައްޑޫ ސިޓީއާއި، މާލެ އަތޮޅުގައި އޮތް އުތުރުތިލަފަޅާއި ގުޅިފަޅު ވެސް އެބައޮތް ކަމަށެވެ. އަދި މި ބާރުތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންނާއި ސިފައިންގެ ސައިޒަކީ ކޮބައިތޯ ސުވާލުކޮށްލަންޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ހަމައެހެންމެ، ދިވެހިންގެ ކުރިމަތީގައި މިއަދު އޮތީ މިނިކާވަގަކާއި ސިންގާއެއް ކަމަށާއި އެ ދޭތި އައިސްފައިވަނީ ދެ ދިމާލަކުން ކަމަށްވީ ނަމަވެސް ރާއްޖެ ކާލަންވުމުން އެ ދޭތި ވެސް ދިމާކުރީ ގުޅިގެން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން އަދުރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖެ އިންޑިއާއަށް ވިއްކާލައިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ގައުމު ސަލާމަތް ކުރެވޭނީ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް އަލުން އަނބުރާ ރާއްޖޭގެ ވެރިކަމަށް ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް