ހިޔާ ފްލެޓްގެ ފަޔާ ސިސްޓަމް ސީލިންގް މައްޗަށް "ފޮރުވާލާތީ" ޝަކުވާ!

ހުޅުމާލޭގައި އަލަށް އާބާދުވާ އުތުރު އަވަށުގައި ހުންނަ ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުގައި ހަރުކޮށްފައި ހުރި ފަޔާ ސިސްޓަމްގެ އާލާތްތައް ސީލީންގުގެ މައްޗަށް ވާ ގޮތަށް ސީލިންގުކޮށް "ފޮރުވާލާ" ކަމުގެ ޝ...

01 Oct 2021 | 05:50

ހުޅުމާލޭގައި އަލަށް އާބާދުވާ އުތުރު އަވަށުގައި ހުންނަ ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުގައި ހަރުކޮށްފައި ހުރި ފަޔާ ސިސްޓަމްގެ އާލާތްތައް ސީލީންގުގެ މައްޗަށް ވާ ގޮތަށް ސީލިންގުކޮށް "ފޮރުވާލާ" ކަމުގެ ޝަކުވާ ފްލެޓްވެރިން ކުރަން ފަށައިފިއެވެ.

"ދުވަސް" ނޫހުގެ ފަރާތުން މިއަދު ހިޔާ ފްލެޓަށް ޒިޔާރަތްކުރި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބައެއް ފްލެޓްވެރިން ވަނީ މި ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެ ދެން ރީތިކޮށްލަން ވެގެންނޯ އެ ފޮރުވާލަނީ، އެކަމަކު މީ ދެރަވަރުގެ ކަންކަން، ކަމެއް ދިމާވީމަ ކިހިނެއްތޯ ހަދާނީ؟ ކިހާ ބޮޑު ގެއްލުމަކަށްތޯ ވާނީ؟" ޓަވަރު 10ގެ 22 ވަނަ ފަންގިފިލާ އިން ފެލެޓްވެރިޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

އޭނާ ވަނީ އެ ގޮތަށް ސީލިންގުކޮށްފައި ހުރި ބައެއް އެޕާޓްމަންޓްތައް ވެސް އަޅުގަނޑުމެންނަށް ދައްކާލާފައެވެ. ނަމަވެސް، ވެރިފަރާތް ނެތުމުގެ ސަބަބުން ހުއްދަ ނެތި ފޮޓޯ ނަގަން ބޭނުން ނުވާތީ ދުވަސްގެ ނޫސްވެރިން އެ އެޕާޓްމަންޓްތަކުގެ އެތެރޭގެ ފޮޓޯ ނަގާފައެއް ނުވާނެއެވެ.

އެހެން ނަމަވެސް، ދޮރު ހުޅުވާފައި ހުރި ބައެއް އެޕާޓްމަންޓްތަކުގެ ބޭރުގައި ތިބެ އެތެރޭގެ ހާލަތު ނޫސްވެރިން ވަނީ ބަލާފައެވެ.

އެ ގޮތަށް ސީލިންގުކޮށްފައި ހުރުމުން އަލިފާން ރޯވި ނަމަވެސް އެލާމް އެޅުން ވަރަށް ނާދިރުވާނެއެވެ. ސަބަބަކީ ދުމުގެ އަސަރު އެއަށް ނުކުރާނެތީއެވެ. ފްލެޓްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މިއީއެވެ، އަދި އޮޓަމެޓިކުން ފެންޖަހާ އަލިފާން ނިއްވާ އާލާތެއް ހަރުކުރެވިފައި ވީ ނަމަވެސް ސީލިންގުގެ ސަބަބުން އެކަން ވެސް ނުވާނެއެވެ.

ހިޔާ ޓަވަރުތަކަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ރައްކާތެރި ތަނަކަށް ވާ އިރު، ބައެއް ފަރާތްތަކުން މި ފަދައިން ކަން ކުރާތީ ގިނަ ފްލެޓްވެރިން ތިބީ ނިހާޔަތަށް ކަންބޮޑުވެފައެވެ.

ހިޔާ ފްލެޓްތަކުގައި ބައެއް ފަރާތްތަކުން މިހާރު ދަނީ ދިރިއުޅެމުންނެވެ. އަދި އަނެއް ބަޔަކު ފިނިޝިން މަސައްކަތް ނިންމަމުން އެބަ ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް