ސާފް ޗެމްޕިއަންސްޝިޕް 2021: ސްރީލަންކާ - ބަންގްލަދޭޝް | ޕްރިވިއު

ސާފް ޗެމްޕިއަން ސިޕް ފުޓްބޯޅަ މުބާރާތައަކީ ސައުތު އޭސިއަން ފުޓްބޯޅަ ފެޑެރޭޟަން އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. ފަސް ގައުމަކުން ވާދަކުރާ މި...

01 Oct 2021 | 04:37

ސާފް ޗެމްޕިއަން ސިޕް ފުޓްބޯޅަ މުބާރާތައަކީ ސައުތު އޭސިއަން ފުޓްބޯޅަ ފެޑެރޭޟަން އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. ފަސް ގައުމަކުން ވާދަކުރާ މި މުބާރާތުގެ ކުޅުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފެށިގެން ދާނެއެވެ. މުބާރާތް ހުޅުވާ މެޗުގައި މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަނގްލަދޭޝްއާއި ސްރީލަންކާއެވެ. މިއީ މި ދެ ޓީމު ބައްދަލުކުރާ 17 ވަނަ ފަހަރެވެ. އަދި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މި ދެޓީމު ވާދަކުރާ ތިން ވަނަ ފަހަރެވެ.

ސްރީލަންކާ

ސައުތް އޭސިއަން ޒޯން ރޭންކިންގްގެ ހަތް ވަނާގައި މިވަގުތު އޮތް ސްރީލަންކާއަކީވެސް ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ލަންކާއަކީވެސް 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ވެސް ހަމަ ރަނގަޅެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ނެރެފައިވާ ނަތީޖާތަކުގެ ރެކޯޑްތަކަސް ބަލާއިރު، އެގައުމުން ވަނީ އެންމެ ފުރަތަމަ ވާދަކުރި މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅެފައެވެ. އަދި ޖެހިގެން އައި އަމިއްލަ ގައުމުގައި 1995 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތާއި 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ލަށް ލަންކާ ވަނީ ދަތުރު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭޝްގައި ވޭއްވުނު މުބާރާތުން ލަންކާ ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.

މުހިންމު ކުޅުންތެރިން

ލަންކާގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ އިނގެރޭސި ވިލާތުގެ ކުއީން ޕާކް ރޭންޖަސްއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ ޑިލޮން ޑި ސިލްވާއެވެ. އުމުރުން 19 އަހަރުގެ ޑިލޮން ޑި ސިލްވާ އަކީ މިފަހަރުގެ މުބާރާތުގައި ލަންކާ އިން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިއާއެވެ. ޓޮޓެންހަމް ހޮޓްސްޕާގެ ޔޫތް ޓީމުގެ އިތުރުން ބާކިންގްގެ ޔޫތް ޓީމަށް ވެސް ކުޅެފައިވާ ޒުވާން މިޑްފީލްޑައަށް  ކުއީން ޕާކް ރޭންޖާސްގެ ސީނިއާޓީމަށް ބަދަލުވީ ކްއީން ޕާކް ރޭންޖަސްގެ ޔޫތްޓީމަށް ކުޅުމަށް ފަހު މިދިޔަ އަހަރުގައެވެ. ނަމަވެސް އަދި މިހާތަނަށް އެ ކުލަބަށް ޑިލޮން ޑި ސިލްވާ އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިލް މުބާރާތަކީ އޭނާ ލަންކާގެ ގައުމީޓީމުގައި ހިމެނިގެން ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

ބަންގްލަދޭޝް

ސައުތް އޭސިއަން ޒޯން ފަސްވަނާގައި މިވަގުތު އޮތް ބަނގްލަދޭޝް އަކީ ވެސް ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. ނަމަވެސް ބްނގްލަދޭޝް އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކޮންމެވެސް ވަރެއްގެ ތާރީޚެއް އޮތް ގައުމެކެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ އެގާރަ މުބާރާތެއްގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ނެރެފައިވާ ނަތީޖާތައް ވެސް މާ ގޯހެކޭ ބުނެވޭކަމަށް ނެތެވެ.

1993 ވަނަ އަހަރު ފެށިގެން މިހާތަނަށް ކުޅެވުނު ބާރަ މުބާރާތުގެ ތެރެއިން އެގާރަ މުބާރާތުގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ. ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރެކޯޑުތަކަށް ބަލާލާއިރު، އެގައުމުން އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރީ 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީއަށް ބަނގްލަދޭޝް ދަތުރު ކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އެގައުމު ބަލިވީ އިންޑިއާއާއި ވާދަކޮށެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތް ބޭއްވުނީ ބަނގްލަދޭޝްގައެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަކަން ބަނގްލަދޭޝް އިން ވަނީ ހޯދާފައެވެ. މި މުބާރާތުގެ ތަށި އިންޑިއާއިން ނެގީ ފައިނަލުގައި ރާށްޖެ ބަލިކޮށެވެ. މިއީ މި މުބާރާތުގައި ބަނގްލަދޭޝްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު މުބާރާތުގައި ވެސް ގަނގްލަދޭޝް އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. މި ފައިނަލުންވެސް އެގައުމު ބަލިވީ އިންޑިއާ އަތުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ބަނގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ. 2009 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ހަތަރު މުބާރާތުގައި ބަނގްލަދޭޝްއަށް މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ.

މުހިންމު ކުޅުންތެރިން

ބަނގްލަދޭޝް އަކީ ނިސްބަތުން މާ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެއް ނޫނެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތޭގައި ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރ ޖަމާލް ހެރިސް ބުޔަން ފާހަކޮށްލެވެއެވެ. އުމުރުން 31 އަހަރުގެ ބުޔަން އަކީ ޑެންމާކަށް އުފަން ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 15 އަޖަރުގައި ޑެންމާކުގެ ސުޕަލީގުގެ ޓީމެއް ކަމުގައިވާ ބްރޮންޑްބީ އައިއެފްއިންނެވެ. ޑެންމާކުގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ބުޔަން ބަނގްލަދޭޝްއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. އެގޮތުން ބަނގްލަދޭޝްގެ ޝައިޚް ޖަމާލް ދަމްބޮންޑިއާއި ޝައިޚް ރުސެލް ކޭއެފްސީ އަށް ވަނީ ކުޅެފައެވެ. ބުޔަން މިހާރު ކުޅެމުން އަންނަނީ ބަނގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ސައިފް ސްޕޯޓިން ކުލަބަށެވެ. ސައިފް ސްޕޯޓިންގް ކުލަބަކީ ބަނގްލަދޭޝް ލީގުގެ ހަތަރުވަނާގައި އޮތް ކުލަބެވެ.

ބުޔަން ބަނގްލަދޭޝްގެ ގައުމީޓީމުގައި ހިމެނިގެން އެންމެ ފުރަތަމަ ކުޅެން ފެށީ 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. ބުޔަން ވަނީ ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް 12 މެޗު ކުޅެދީ އެއް ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބަންގަލަދޭޝްގެ ސީނިއާ ގައުމީޓީމަށް 53 މެޗު ކުޅެދީފައެވެ.

ދެ ޓީމުގެ ތާރީޚީ ބައްދަލުކުރުންތައް

ސްރީލަންކާ އަދި ބަންގްލަދޭޝް މީގެ ކުރިން ވާދަވެރި އެކި މުބާރާތްތަކުގައި ޖުމްލަ 16 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދެ ފަހަރު ބައްދަލުކޮށްފައިވެއެވެ. މި ދެ ޓީމު 16 ފަހަރު ބައްދަލު ކޮށްފައިވާއިރު، އޭގެތެރެއިން ބަންގްލަދޭޝް 10 ފަހަރު މޮޅުވެފައިވާއިރު، ސްރީލަންކާއަށް މޮޅުވެވިފައިވަނީ އެންމެ ހަތަރު ފަހަރުއެވެ. ދެ މެޗުން އެއްވަރުވެފައިވެއެވެ. މި ދެ ޓީމު ސާފް ޗެމްޕިއަންސްޝިޕް ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން ދެ ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ބަންގްލަދޭޝް އެއް ފަހަރު މޮޅުވެފައިވާއިރު، ލަންކާ ވެސް އެއް ފަހަރު މޮޅުވެފައިވެއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު ކުޅެވުނު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ ލަންކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް