އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ.

ހުކުރު ދުވަހަކީ ހަފުތާގެ ތެރެއިން އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. އެދުވަހަށް يوم الجمعة އޭކިނުވެ. އެހެނީ އެދުވަހަށް يوم الجمعة އޭ ކިޔުނީ އަޅުގަނޑުމެން އެންމެންގެ ބައްޕާފުޅު ...

01 Oct 2021 | 03:49

ހުކުރު ދުވަހަކީ ހަފުތާގެ ތެރެއިން އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. އެދުވަހަށް يوم الجمعة އޭކިނުވެ.

އެހެނީ އެދުވަހަށް يوم الجمعة އޭ ކިޔުނީ އަޅުގަނޑުމެން އެންމެންގެ ބައްޕާފުޅު އާދަމުގެފާނު ހެއްދެވިދުވަހަކީ ހުކުރުދުވަސް ކަމަށް ވާތީއެވެ. އަދި އެދުވަހަށް يوم الجمعة އޭ ކިޔުނީ ޤުރައިޝުން ދާރުއްނަދްވާ ގައި ޤުޞައްޔުގެފާނާ ބައްދަލުކުރެއްވީތީއެވެ. ޖާހިލިއްޔަޒަމާނުގައި ހުކުރު ދުވައް ދީފައިވާ ނަމަކީ ޢުރޫބާ ދުވަސް ނުވަތަ ޢަރަބިންގެ ދުވަހެވެ. ހުކުރުދުވަހަށް يوم الجمعة އޭ ކިޔުނީ އެދުވަހު އެންމެހާ މުސްލިމް ފިރިހެނުން ހުކުރު ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި އެއްވާތީއެވެ.

ހުކުރު ދުވަހުގެ މި ޚާއްޞަ ޖަމާޢަތައް މުސްލިމު ޒުވާނުންނާ ކުޑަކުދިންނާ މުސްކުޅި ފިރިހެނުން ޚާއްޞަ ސަމާލުކަމެއް ބަހައްޓާއިރު، ޢާއިލީ ޖަމާޢަތްތައް މި ދުވަހުގެ ހުކުރު ނަމާދަށްފަހު އެއްކުރުމުގައި މުސްލިމު އަންހެންތަކުން މުހިންމު ދައުރެއް އަދާކުރެއެވެ. ހަފްތާގެ އެހެން ދުވަސްތަކާ ޚިލާފަށް ހުކުރު ދުވަހަކީ ގޯތި ގެދޮރަށް ޒިޔާރަތްކުރާ މެހެމާނުންނާއި ގާތްތިމާގެ މީހުންނަށް އުފާވެރި ހިނިތުންވުމަކާއެކު މަރުޙަބާ ކިޔުން ޢާއްމު ދުވަހެކެވެ.

މާތް ﷲ ޔަހޫދީންނަށް ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވިއެވެ. ނަޞާރާއިންނަށް ޚާއްޞަ ދުވަހެއް ކަމުގައި އާދިއްތަ ދުވަސް ލެއްވިއެވެ. އަދި މުސްލިމުންނަށް ޚާއްޞަ ދުވަހެއް ކަމުގައި ހުކުރު ދުވަސް ޚިޔާރުކުރައްވައި މިއުންމަތަށް ޚާއްޞަ ދުވަހެއްކަމުގައި ހުކުރު ދުވަސް ލެއްވިއެވެ. އެހެނަސް އިސްލާމްދީން ބާވައިލެއްވުނީ ޔަހޫދީ ދީނާއި ނަޞާރާ ދީނަށް ފަހުގައި ކަމަށްވުމާއިވެސް އެކުގައި މުސްލިމުންނަށް ޚާއްޞަ ދުވަހަކީ ހޯމަ ދުވަސް ކަމުގައި ނުލައްވަވައި ހުކުރު ދުވަސް ކީރިތި ﷲ އިޚްތިޔާރު ކުރެއްވުމުގައި ނުހަނު ގިނަގުނަ ޙިކުމަތްތަކެއް ވާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އެގޮތުން ނަޞާރާއިންނާއި ޔަހޫދީންގެ މައްޗަށް އިސްލާމްދީން އިސް ކުރައްވަވާފައިވާކަން ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅުން ސާބިތުވެއެވެ.

މާތް ނަބިއްޔާ ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ :” އިސްވެދިޔަ އުންމަތްތަކުގެ މީހުން ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުކުރެއްވުމުން ﷲ ތަޢާލާ އެއްކިބާ ކުރެއްވިއެވެ. ޔަހޫނީންނަށް ހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދިއްތަ ދުވަސް ލެއްވިއެވެ. ފަހެ ﷲ ތަޢާލާ އަހަރެމެންގެ މި އުންމަތައް ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުވާނޭ މަގަށް މަގު ދެއްކެވިއެވެ. ފަހެ އެއިލާހު އެދުވަސްތައް ލައްވާފައިވަނީ ހުކުރު ހޮނިހިރު އާދީއްތަ ދުވަސް އަންނާނެހެން މިތަރުތީބުންނެވެ. ހަމަ އެފަދައިން ޤިޔާމާތްދުވަހުން އެހެން މީސްތަކުން އަހަރެމެންނާ ތަބަޢަވާނެއެވެ. ދުނިޔޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހު އުންމަތަކީ އަހަރެމެންގެ މި އުންމަތެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ، އެހެން ޚަލްޤުތަކުންނަށްވުރެ ކުރިން ޙިސާބުބެއްލެވޭ ހުށީ މިއުންމަތެވެ.”

އެހެންކަމުން ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ ޢީދެކެވެ. މިއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މާތް ދުވަސްކަމުގައި މާތް ﷲ ލައްވަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާ މި އުންމަތުގެ މުސްލިމުންނަށްޓަކައެވެ. އެހެންކަމުން ހަފްތާގެ ދުވަސްތަކުން އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމުގައި ބަޔާން ކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ

“އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނެރެލެވުނީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމު ނުވާހުށްޓެވެ.”‏

ހުކުރު ދުވަހުގެ މާތްކަމުން ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާ ކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. މި ޙަދީސްފުޅުގެ މާނައިގައި ވަނީ

“ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވަވާ ކަމުގައެވެ”

ހުކުރު ދުވަހުގެ އެންމެ މާތް އެންމެ ބޮޑު އަޅުކަމަކީ ހުކުރު ނަމާދުގެ ޖަމާޢަތެވެ. ހުކުރު ނަމާދުގެ މަތިވެރިކަން އަންގަވައި ޖުމުޢަ ސޫރަތުގެ ނަމުގައި ކީރިތި ޤުރުއާނުގައި މާތްﷲ ސޫރަތެއް ބާވައިލައްވަވާފައި ވާއިރު، މި ސޫރަތުގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައި ގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

އެހެންކަމުން ބުއްދިއާއި ޞިއްޙަތު ސަލާމަތުންހުރެ ރަށުގައި ޤާއިމުވެހުރި ބާލިޣުވެފައިވާ، މިނިވަން ކޮންމެ މުސްލިމު ފިރިހެނަކަށް މާތްﷲ އަންގަވައި އަމުރު ކުރައްވާފައި މިވަނީ ހުކުރު ނަމާދަށް ގޮވާލެވޭހިނދު ވިޔަފާރިތައް ހުއްޓާލައި، ﷲ ހަނދުމަކުރުމަށް މިސްކިތައް ދިއުމަށެވެ. އެހެނީ ހުކުރު ނަމާދަކީ މިފަދަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ޢައިނިއްޔަ ފަރުލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް