ތޯލިބާނުން އަންހެނުންނާއި މެދު ގެންގުޅޭ ސިޔާސަތާ ހިތްހަމަ ނުޖެހި، ބަދަލު ކުރަން ގަތަރުން އެހީވާނީ

ތޯލިބާނުންގެ އަފްގާނިސްތާނުގެ ވެރިކަން ގަދަބާރުން ހޯދީންސުރެ އެ ގައުމު އާރާސްތަކު ކުރުމުގައި އެންމެ ބޮޑަށް އެހީވާ ގަތަރުން އެ ޖަމާއަތުގެ ތައުލީމީ ސިޔާސަތާއި މެދު ހިތް ހަމަ ނުޖެހިއްޖެ އެވެ. ގަތަރުގެ ފޮ...

01 Oct 2021 | 03:40

ތޯލިބާނުންގެ އަފްގާނިސްތާނުގެ ވެރިކަން ގަދަބާރުން ހޯދީންސުރެ އެ ގައުމު އާރާސްތަކު ކުރުމުގައި އެންމެ ބޮޑަށް އެހީވާ ގަތަރުން އެ ޖަމާއަތުގެ ތައުލީމީ ސިޔާސަތާއި މެދު ހިތް ހަމަ ނުޖެހިއްޖެ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުއް ރަހްމާން އަލް ތާނީ އެ މައްސަލައިގަ ހިތްހަމަ ނުޖެހުން ފާޅު ކުރެއްވީ ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް އާއި އެކު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

ޝެއިހް އަލް ތާނީ ވިދާޅުވީ އަފްގާނިސްތާނުގައި ތޯލިބާނުން އަންހެން ކުދިން ތައުލީމު އުނގެނުމުން މަހުރޫމު ކުރަމުންދާތީ ވަރަށް ހިތާމަކޮށް ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މިދިޔަ 20 އަހަޜުތެރޭގައި އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައި ފަހަތަށް ފިޔަވަޅެއް ނޭޅުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަތަރަކީވެސް މުސްލިމް ދައުލަތެއް އޮތް މުސްލިމް ގައުމެއް ކަމަށެވެ. އެކަމަކު އަންހެނުން ތައުލީމް އުނގެނުމާއި ވަޒީފާ އަދާ ކުރުމާއި ސަރުކާރުގެ މަތީ މަގާމުތައް އަންހެނުންނަށް ދިނުން މަނާ ނުކުރާ ކަމަށާއި ހަމަހަމަ ކަމާއި އެކު ހުރިހާ ފުރުސަތެއް އަންހެނުންނަށް އުސޫލުތަކާއި ގަވައިދުތަކެއްގެ ތެރެއިން އޮންނާނެ ކަމަށެވެ.

ޝެއިހް އަލް ތާނީ ވަނީ ތޯލިބާނުން އަންހެނުންނާއި މެދު ގެންގުޅޭ ވިސްނުން ބަދަލު ކުރަން ގަތަރުން ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނުތައް އެކުލަވާލާނެ ގޮތާއި އަންހެނުންގެ މައްސަލަތަކުގައި އިސްލާމީ ގައުމެއްގައި އަމަލު ކުރާނެ ގޮތުގެ ލަފާ ތޯލިބާނުންނަށް ދެމުންދާ ކަމަށް ވިދާޅުވި އެވެ.

ތޯލިބާނުން ވަނީ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ އަންހެން ދަރިވަރުންނާއި އަންހެން ޓީޗަރުން ވަކިގޮތެއް އަންގަންދެން ސްކޫލަށް ހާޒިރުވުން މަނާކޮށްފަ އެވެ. އެކަމަކު ކޮލެޖް ޔުނިވާސިޓީތަކުގެ އަންހެން ދަރިވަރުންނަށް ކްލާސް ރޫމުގައި އަންހެން ފިރިހެން ވަކިވާގޮތަށް ފަރުދާއެއް ނުވަތަ ޕާޓިޝަންއެއް ޖަހައިގެން ކިޔެވުމުގެ ހުއްދަ ދީފަ އެވެ.

ގަތަރުން ވަނީ ދުނިޔޭގެ ގައުމުތަކުން އަފްގާނިސްތާނު ބަންދުވާގޮތަށް ފިއްތުންތައް ކުރިމަތި ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ގަަތަރު ދަނީ އަފްގާން އާރާސްތު ކުރުމަށް ފައިސާގެ އެހީއާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. ގަތަރުން ވަނީ އެމެރިކާ ސިފައިން ހަލާކުކޮށްލާފަ ދިޔަ ކާބުލްގެ ހާމިދް ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓު މަރާމާތުކޮށް އޮޕަރޭޝަނަށް ގެންނަން ވަގުތުން އެހީވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް