މިއަދަކީ ދިވެހީންނަށް ވަރަށް އުފާވެރި އަދި އެހާމެ ބޮޑު ދުވަހެކެވެ. އެއީ ހުކުރު ދުވަސް ކަމަށް ވާތީއެއް ނޫނެވެ. މިއަދަކީ އަހަރެމެން އެންމެގެ ލެޔާ ގުޅިފައިވާ އަހަރެމެންގެ ގައުމީ ފުޓްބޯޅަ ޓީމް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗް ކުޅޭ ދުވަހަށް ވާތީއެވެ. އެހެންކަމުން މިއަދު މުޅި ޓީމުގެ އެދުމަކީ، އެންމެހާ ލޮބުވެތި ދިވެހި ސަޕޯޓަރުން ޓީމާއެކުގައި ވުމެވެ. މި މެޗަށް އެންމެހާ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެ ދަނޑު ފުރާލާ އެއް އަޒުމެއްގައި ސަޕޯޓުދެމުން ގެންދިއުމެވެ.
މިއަދު ދިވެހި ޓީމު ނުކުންނާނީ، ނޭޕާލުގެ ގައުމީ ޓީމާ ދެކޮޅަށެވެ. އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތުގެ މި މެޗަށް ނުކުންނައިރު ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މޮޅުވުމުގެ ފުރިހަމަ އުންމީދުގައެވެ.
ދިވެހި ޓީމު މިފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނައިރު ހަމަ ކޮންމެ ދިވެއްސެއްގެވެސް ފޮނި އުންމީދުތަކެއް ވާނެއެވެ. ދިވެހި ލޭ ހިނގާ ހަމަ ކޮންމެ ފަރުދަކުވެސް ބޭނުންވާނީ އަހަރެމެންގެ ޓީމު ކުޅޭ ފުރަތަމަ މެޗުންވެސް މޮޅުވުމެވެ. މެޗުން މޮޅުވެ ދިވެހި ގައުމުފަޚުރުވެރި ކުރުވުމެވެ. މުބާރާތުގައި ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވެ މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް ދިވެހި ފަސްގަނޑުގައި ބެހެެއްޓުމަށެވެ.
ހަގީގަތުގައި ހަމަ ކޮންމެ ދިވެހި ދަރިއެއްގެވެސް އުންމީދަކަށް ވާނީ މިއީކަން ކަށަވަރެވެ. މީގެ 13 އަހަރު ކުރިން ވަރުގަދަ އިންޑިއާ ބަލިކޮށް، ލަންކާގެ ފަސްގަނޑުގައި ދިވެހީން އުފުލައިލި ސާފް ޗެމްޕިއަން ތަށީގެ އިތުރުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ތަށި އަލުން އަނބުރާ ތިންވަނަ ފަހަރަށް ގައުމުގެ ފަސްގަނޑަށް ގެނައުމުގެ ފޮނި އުންމީދާއެކު މިއަދު ޓީމު ނުކުންނައިރު، ގައުމުގެ ލޮބުވެތި ސަޕޯޓަރުންގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ.
އެފްއޭއެމްގެ ރައީސްގެ ވެސް އެދުމަކީ ޓީމުގެ ހުރިހާ ކުޅުންތެރީންވެސް އެއް ރޫހެއްގައި ކޯޗުގެ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ދިއުމެވެ. ގައުމީ ޓީމަށް ސަޕޯޓުކޮށް ހެޔޮ ދުއާކުރުމުގައި ހުރިހާ ދިވެހީންވެސް ޓީމާއެކުގައި ވުމެވެ.
މާތް ﷲގެ އިރާދަފުޅުން އަހަރެމެންގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ކުރިމަތިލާ އިމްތިހާނުން ފާސްވާނީ 100 ޕަސެންޓް ކާމިޔާބީއާއެކުއެވެ. މިއީ އަހަރެމެން ކޮންމެ ދިވެއްސެއްގެ ވެސް ހިތުގެ އެންމެ ފުންމިނުން ކުރާނޭ ދުއާއެވެ. އަދި މެޗަކަށް ފަހު މެޗެއް ކާމިޔާބުކޮށް، ދިވެހި ފުޓްބޯޅަ ޓީމުން މި ދިވެހިރާއްޖެއަށް އަނެއްކާވެސް ފުޓްބޯޅައިގެ ބޮޑު ޢީދެއް ގެނެސްދިނުމަށް އެންމެ އެކުގައި ދުއާކޮށް އަތުގުޅައިލަމާ ހިނގާށެވެ. ދިވެހިޓީމަށް ސަޕޯޓް ދިނުމަށް މިރޭ ދަނޑު ފުރާލަމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް