ދައުރުވަމުން ދަނީ ވަކި މާނައެއް ނެރުމަށް ހަދާފައިވާ އޯޑިއޯއެއް: ޝަރީފު

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ކަމަށް ބުނެ ދައުރުވަމުން ދަނީ އެކި ފަހަރުމަތިން އެކި މީހުންނާއި ދައްކާފައިވާ ވާހަކަތަކެއް އެޑިޓްކޮށްގެން...

01 Oct 2018 | 17:16

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ކަމަށް ބުނެ ދައުރުވަމުން ދަނީ އެކި ފަހަރުމަތިން އެކި މީހުންނާއި ދައްކާފައިވާ ވާހަކަތަކެއް އެޑިޓްކޮށްގެން ހަދާފައިވާ އޯޑިއޯއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި އޯޑިއޯގައި ޝަރީފް ވާހަކަ ދައްކަނީ ކާކާ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އޯޑިއޯ ވަރަށް ބޮޑަށް އެޑިޓްކޮށް، ބައެއް ވާހަކަތައް ކަނޑާފައިވާކަން ފާހަގަކުރެވެ އެވެ.

އެހެންވެ، ޝަރީފް ވާހަކަ ދައްކަވަނީ ސީދާ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނޫނެވެ. ނަމަވެސް، ޝަރީފާ ވާހަކަ ދެއްކި މީހާ ތަކުރާރުކޮށް ބުނަމުން ދިޔައީ "ވަރަށް ބިރުގަންނަ" ކަމަށާއި އެ ކަމެއް އެނގިއްޖެ ނަމަ "މަގޭ ދުވަސް ދާނެ" ކަމަށެވެ. އަދި ޝަރީފް އެ މީހާ ކައިރީގައި ވިދާޅުވަމުން ގެންދެވީ "އެނގޭ ކަމަށް ވެސް" ނުހެދުމަށެވެ. އަދި ހާސް ނުވުމަށާއި ވަސްޓްއެޕުން ނޫނީ ނުގުޅުމަށް ޝަރީފް އެދިވަޑައިގަންނަވަ އެވެ.

"ރައީސް މީހަކު ގުރުބާން ކޮށްފާނެ ކޮންމެ ފަދަ ކަމެއްގައި ވެސް" ޝަރީފް ވިދާޅުވާ އަޑު އޯޑިއޯގައި އިވެ އެވެ.

މި އޯޑިއޯ އާއި ގުޅިގެން ޝަރީފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޯޑިއޯގައި ހިމެނޭ ވާހަކަތަކަކީ އެކި ފަހަރުމަތިން އެކި ކޯލްތަކުގައި ދައްކާފައިވާ ވާހަކަތައް ތަރުތީބު އިސްފަސް ކުރުމަށް ފަހު ހަދާފައިވާ އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ ފޯން ކޯލުތައް ރެކޯޑު ކުރިކަންވެސް ނޭނގޭ ކަމަށެވެ.

"އަޅުގަނޑު ފޯނުން ތަފާތު އެކި ފަހަރު މަތިން ދައްކާފައިވާ ވާހަކަތައް އެއީ، އަޅުގަނޑަށް ނޭނގި ރިކޯޑުކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަ ކޮށްދިނުމަށް އެޑިޓްކޮށް، ޑަބް ކޮށްފައިވާ އޯޑިއޯއެއް ކަން ދަންނަވަމެވެ،" ޝަރީފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އެ އޯޑިއޯގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެކަމުގެ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފުގެ ބަޔާނުގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޭނާ ވޯޓު އޮޅުވައިލި ކަމުގެ ސާބިތު ހިފޭ އެއްވެސް ހެއްކެއް، ގަރީނާއެއް ނެތި ބުނާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ މެދުގައި އޭނާ އަށް އޮތް އިތުބާރު ނަގާލައި، ކޮމިޝަނުގެ ކަންކަމާ މެދު ސުވާލު އުފައްދަން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އަދި ޝަރީފް އެންމެ ލޯބިވާ ޕާޓީ ޕީޕީއެމްގެ ލީޑާޝިޕާއި އާންމު މެންބަރުން އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރަނީ ބަޔަކު އަޑީގައި ތިބެހެން ޝައްކު އުފައްދުވަން މަސައްކަތް ކުރާތީ ކަމަށެވެ.

"އަދި އަޅުގަނޑާ މަތިކޮށްފައިވާ ޒިންމާތައް އަމާނާތްތެރިކަމާ އެކު، އަދާކުރުންމަތީ ދެމިހުންނާނެ ވާހަކަ ދަންނަވައި މި ކަން ކުރުމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން އެދޭ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކާއި މައްސަލަތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ޕީޕީއެމުން މިއަދު ވަނީ ގޮވާލައިފަ އެވެ.

ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް