ސަރުކާރުން ގެދޮރުވެރި ކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ "ހިޔާ މަޝްރޫއު" މަޑު ޖައްސާލަން އެންޓީ ކޮރަޕްޝަން (އޭސީސީ) އިން އަންގައިފި އެވެ.
އެ މަޝްރޫއުގެ ދަށުން 12 ކެޓަގަރީއަކުން 7،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭސީސީން އެ މަޝްރޫއު މަޑު ޖައްސާލަން އެންގި އިރު އިއްޔެ އަކީ ފްލެޓަށް އެދުމަށް ފޯމުލުމަށް ދިން އެންމެ ފަހުގެ ތާރީހެވެ.
އޭސީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު މިހާތަނަށް ވެރިފައިކޮށް އިވަލުއޭޓު ކުރުމުގެ މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ބައެއް ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
އޭސީސީން ބުނެފައިވާގޮތުގައި އެފަދަ މަޝްރޫއުތަކަކީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމަށް ވީހާވެސް ހަރުދަނާ ދެފުށް ފެންނަ ގޮތަކަށް ކޮރޮޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކުރިޔަށް ގެންދިއުން މުހިންމުވާނެ ކަމަށެވެ. އެހެންކަމުން ވަކި އެއްޗެއް އަންގަންދެއް އެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ ގޮތުން ކުރަމުންދާ އެންމެހާ މަސައްކަތްތައް ކުރިޔަށް ނުގެންދިޔުމަށް އަންގާ ކަމަށް އޭސީސީ އިން ބުންޏެވެ.
ހިޔާ މަޝްރޫއުގެ ފޯމް ހުށަހެޅުމަށް އިއްޔެ ހެނދުނުން ފެށިގެން ގިނަ ބަޔަކު ކިޔު ހެދިއެވެ. ހައުސިން މިނިސްޓްރީން ވަނީ ރޭ ފަތިސް ވަންދެން ފޯމު ބަލައިގެންފަ އެވެ.
އެ މިނިސްޓްރީން ބުނީ އިއްޔެ ނެގި ހުރިހާ ނަމްބަރަކަށް ފޯމު ބަލައިގެންނާނެ ކަމަށެވެ. އެކަމަކު ފަތިހު ފޯމު ބަލައިގަތުން ހުއްޓާލުމުން އެ މިނިސްޓްރެއަށް މީހުން އެއްވެ އިހުތިޖާޖު ކުރި އެވެ. އެކަމާއި ގުޅިގެން މިނިސްޓްރީން ބުނީ ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ފްލެޓަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގެންނަށް ހައުސިން މިނިސްޓްރީން ފަށާފައިވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ. އޮގަސްޓް 31 ގެ ނިޔަލަށް ފޯމް ބަލައިގަތުމަށް ހަމަޖައްސާފައި އޮތުމަށް ފަހު ގިނަ މީހުންނަށް ފޯމް ލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރީ އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ލަ ހުރިހާ މީހުންނަށް ފްލެޓު ދޫކުރާނެ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވުމާއި ހަމައަށް 18،000 އަށްވުރެ ގިނަ މީހުން ފޯމް ލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް