އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު އާންމު ކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައި ވާގޮތުން އަންނަ އަހަރު ބާއްވާ އިންތިހާބަށް އިތުރު ދެ ދާއިރާ އިތުރުވާނެ އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 85 މެންބަރުންނެވެ.
އީސީން ބުނީ ދެ އިންތިހާބީ ދާއިރާ އިތުރުވަނީ މާލޭ ސިޓީއަށް ކަމަށެވެ. މާލޭގެ އާބާދީގައި 65،000 އަށް ވުރެ ގިނަ މީހުން ހިމެނޭ އިރު އީސީ އިން ބުނީ ގޮނޑި ބަހާފައި ވަނީ ކޮންމެ 4300 އެއްހާ މީހުންނަށް ބަލާފައި ކަމަށެވެ.
މިހާތަނަށް މާލޭގައި އޮންނަނީ 13 ދާއިރާ އެވެ. އީސީ އިން ބުނީ އެ އަދަދު މުރާޖާ ކުރުމަށް ފަހު ފަހުން ދާއިމީ ރިޕޯޓު ނެރޭއިރު މާލެއަށް އިތުރުވާ ދާއިރާތަކުގެ ތަފްސީލް ހާމަ ކުރާނެ ކަމަށެވެ. އިންތިހާބީ ދާއިރާ ކަނޑައަޅަނީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ދާއިރާއެއްގެ ރަށްތަކުގައި މީހުން ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދަށް ބަލައިގެންނެވެ.
އިދާރީ ދާާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ އެ އަދަދަށް މީހުން ހަމަނުވާ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަން ޖެހެ އެވެ. އަދި ދާއިރާގައި ރަޖިސްޓާކޮށްފައިވާ އާބާދީ 5000 އަށް ވުރެ އިތުރު ވާނަމަ އިތުރުވާ ކޮންމެ 5000 އަކަށް މެންބަރަކު ކަނޑައަޅަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް