މިދިޔަ އަހަރު އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މޫސާ މިޖާދު ނޫމާން ހޮވައިފި އެވެ.
އިސްކަންދަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް މިޖާދު ހާސިލްކޮށްފައިވާ އިރު، އޭނާ އަކީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ ދެވަނަ މަގާމް އަދި މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަންކަން ކޮށްފައިވާ ދަރިވަރެކެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގަތެވެ. އަހަރީ އިނާމު ދިނުމުގެ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއިލް އަލީ އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އިސްމާއިލް ވިދާޅުވީ، ސްކޫލްގައި ހިންގާ އިތުރު ހަރަކާތް ތަކަކީ ދަރިވަރުންގެ ކުރިމަގަށް ނުހަނު މުހިންމު ކަންކަން ކަމަށެވެ.
"މިސާލަކަށް، ކެޑޭޓް، ސްކައުޓް، ގައިޑް، ތަފާތު ކުޅިވަރު ގެ ހަރަކާތް، ތަފާތު ކްލަބު ޖަމްއިއްޔާތަކުގައި ބައިވެރިވެ، ސްކޫލު ނިމި މުޖްތަމައުގެ ތެރެއަށް ދަރިވަރުން ނިކުންނަ އިރު ޒިންމާދާރުކަމާއި އެކު މުޖުތަމައުގެ ތެރޭގައި އިސްރޯލެއް އަދާ ކުރުމުގެ މަގު ފަހިވެގެންދާނެ." އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ކަންކަމުގައި އިސްނެގުމާއި، މީހުންނާއި ގުޅިގެން މަސައްކަތް ކުރުމާއި، މީހުންނަށް އިހުތިރާމް ކުރަން ދަސްވުން އަދި އުސޫލުތަކާއި ޤަވާއިދުތަކަށް އިހުތިރާމް ކުރަން ދަސްވުމަކީ ވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ދަރިވަރުން ދަސްކުރާ އަހްލާގީ ރަނގަޅު ސިފަތައް ކަމަށެވެ.
"މި ދެންނެވި އަގު ތަކަކީ އަޅުގަނޑުމެން މި އަހަރު ހިންގަންފެށި އާ ޤައުމީ މަންހައްޖުގައި ބަޔާން ކޮށްފައިވާ، އަޅުގަނޑުމެންގެ ސްކޫލް ނިންމާ ކޮންމެ ދަރިވަރެއްގެ ގައިގާ ހުންނަން ވާނެ މާތް ސިފަތަކެއް. މި ފަދަ ސިފަތަށް ހުރި ދަރިވަރުންތަކެއް އުފެދުން އެއީ މި ޤައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބު." އިބްރާހީމް އިސްމާއިލް ވިދާޅުވި އެވެ.
އަހަރީ އިނާމު ދިނުމުގެ މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.
ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނުނު 9 ދަރިވަރަކަށް ރޭގެ ޖަލްސާގައި އިނާމު ދީފައިވާ އިރު، މިދިޔަ އަހަރު ގްރޭޑު ހަތެއްގެ އެންމެ މޮޅު 10 ދަރިވަރުންނަށް ވެސް ރޭ ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައެވެ.
އަދި މިދިޔަ އަހަރު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ ސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް މި ޖަލްސާގައި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް