ނިންމުންތަކަށް ތަބާ ނުވާނަމަ ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އަޅާފަނެކަން ހަނދުމަކޮށްދެން: އެމްޑީޕީ

ނިންމުންތަކަށް ތަބާނުވެއްޖެނަމަ، ދިވެހި ސަރުކާރާއި، ކަމާބެހޭ މުއައްސަސާތަކުގައި ތިއްބެވި މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަކީ ދުރުކަމެއް ނޫންކަން ހަނދުމަކޮށްދޭ ކަމަށާއި އަދި މި...

01 Oct 2015 | 06:02

ނިންމުންތަކަށް ތަބާނުވެއްޖެނަމަ، ދިވެހި ސަރުކާރާއި، ކަމާބެހޭ މުއައްސަސާތަކުގައި ތިއްބެވި މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަކީ ދުރުކަމެއް ނޫންކަން ހަނދުމަކޮށްދޭ ކަމަށާއި އަދި މިފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ، އާޚިރުގައި އޭގެ ނަތީޖާ ތަހައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންކަން، ދިވެހި ސަރުކާރަށް ފަހުމްވާނެކަމުގައި ހީކުރާ ކަމަށްވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫން ބުނެފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިހެން ބުނެފައިވަނީ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ) އިން ރައީސް ނަޝީދާ އެއްކޮޅަށް މައްސަލަ ނިންމި ނަމަވެސް އެ ނިންމުން ސަރުކާރުން ބަލައިނުގަންނާނޭ ކަމަށް ބުނި ބުނުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އައި.ސީ.ސީ.ޕީ.އާރުގެ މުޢާހަދާއަށް ރާއްޖެ ތަބާވާން ލާޒިމްވަނީ، ޤާނޫނީ ގޮތުންނާއި، ބައިނަލްއަޤްވާމި ގޮތުންނާއި، ޝަރުޢީ ގޮތުންނެވެ. އަދި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ)ގެ ނިންމުމަށް ސަރުކާރުން ތަބާވާން ޖެހެނީ މި ޕްރޮސެސްއަކީ ސަރުކާރުން ފުރިހަމައަށް ބައިވެރިވެ، މިއަދާ ހަމައަށްވެސް ޖަވާބްދާރީ ވަމުންއައިސްފައިވާ ޕްރޮސެސްއަކަށް ވާތީވެސްމެ ކަމަށެވެ.

"އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިޔޫ.ޖީ.އޭ.ޑީ)ގެ މިނިންމުމަށް ސަރުކާރުން ތަބާނުވާނޭކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ރާއްޖެ އެއްބަސް ވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާޚިލާފަ ވުން" ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ބަލައި ނުގަންނާނޭކަމަށް ބުނުމަކީ ބައިނަލްއަޤްވާމީ ޙުކުމްތަކަށް ދިވެހިސަރުކާރުން ޙުރުމަތްތެރިކޮށް ނުހިތާކަމުގެ ބުރްހާނީ ހެއްކެއް ކަމަށާއި މައްސަލައިގެ ދެ ޚަޞްމުން ތިބެފައި، އެތަނުން އެއް ޚަޞްމެއްގެ ކޮޅަށް މައްސަލަ ނިންމުމުން އަނެއް ޚަޞްމު އެ ޙުކުމަށް ތަބާވުމަކީ ޠަބީޢީ ޢަދާލަތުގެ އަސާސެވެ. އަދި ދުނިޔޭގެ ހުރިހާ ޖަސްޓިސް ސިސްޓަމެއްގައިވެސް އެކަން އޮންނަ ގޮތް ކަމަށެވެ.

"ރައީސް ނަޝީދާއި އެމަނިކުފާނުގެ ޢާއިލާއާއި ގާނޫނީ ޓީމްއިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާމުގެ ހައްޔަރާއި، އެމަނިކުފާނުގެ މައްޗައް ހިންގާފައިވާ ޝަރީއަތަކީ ބޭއިންސާފުން ހިންގާފައިވާ ކަންތައްތަކެއް ކަމަށް، މިހެން މިކަންކަން އޮތްއިރު، އެ މައްސަލަ މުސްތަޤިއްލު ފަރާތަކުން ފައިސަލާ ކުރުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު)ގެ މުޢާހަދާގައި ރާއްޖެ ސޮއިކޮށްފައިވާތީ" އެމްޑިޕީގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް