ކުރީގެ ރައިސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ހުކުމަކީ ގާނޫނާ ހިލާފު ހުކުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން އދގެ ވޯކިންފް ގްރޫޕް އޮން އާބިޓެރީ ޑިޓެންޝަން (ޑަބްލިޔުޖީއޭޑީ) އަށް ހުށަހުޅުއްވި ކަންކަމަށް ރިއާޔަތް ކުރެވެންޖެހޭ ކަމަށް އެ ފަރާތުން ދިވެހި ސަރުކާރަށް އަންގައިފި އެވެ.
މިގޮތަށް އަންގާފައިވާ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނީ ރޭ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތް ކުރެވެންޖެހޭނެ ކަމަށް ޑަބުލިއުޖީއޭޑީ އިން ނިންމިކަމުގައިވިޔަސް، ސަރުކާރުން އެކަން ބަލައި ނުގަންނަ ކަމަށެވެ.
ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން ސަރުކާރުން ކުރިމަތިކޮށްފައިވާ ސުވާލުތަކަށް ޑަބުލިއުޖީއޭޑީ އިން ފުރިހަމައަށް ޖަވާބުދާރީވެވިފައި ނުވާތީ ކަމަށެވެ.
އެ މައްސަލަ ބަލާއިރު ރައީސް ނަޝީދު ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތް ކުރެވެން ޖެހޭނެ ކަމަށް ނިންމައި ޑަބްލިޔުޖީއޭޑީ އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުމުގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް އެކަށީގެންވާ އަހަމިއްޔަތެއް ދީފައިވޭތޯ ސުވާލު އުފެދޭކެމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގާ އޮތް މައްސަލައެއް ކަމަށާއި އެއީ ކޮންމެ މީހެއް ކަމުގައި ވީ ނަމަވެސް، ޝަރުއީ ދާއިރާގައި ހިނގަހިގާ އޮތް މައްސަލައެއްގެ ތެރެއަށް ސަރުކާރަކަށް ނުވަދެވޭނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ސަރުކާރުން އަމަލުކޮށްފިނަމަ އެވާނީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މައްސަލައަށް ނުފޫޒު ފޯރުވައިފިނަމަ އެވާނީ، ވަކިފަރާތަކަށް ބުރަވެ، ޝަރުއީ ނިޒާމްގެ ބާރުކަނޑުވާލުން ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި ކަމަށާއި ނަމަވެސް އިސްތިއުނާފު މައްސަލައަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެއްބާރުލުން ލިބިފައިނުވާ ކަމަށާއި ހައިކޯޓުން ރައީސް ނަޝީދުގެ މައްސަލަ ބޭރުކޮށްލިއިރު، އެ މައްސަލާގައި ހައިކޯޓުން ނިންމި ނިންމުގައި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް އެބައޮތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ރާއްޖޭގެ އިސްތިއުނާފީ ކޯޓަކަށް އެ މައްސަލަ ހުށަހަޅައިގެން ގޮތެއް ނިންމުމަށް އެދިވަޑައިގެންފިނަމަ އެކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށާއި ހައިކޯޓުން ރައީސް ނަޝީދުގެ އިސްތިއުނާފު މައްސަލަ ބޭރުކޮށްލާފައިވާތީ، ހައިކޯޓުގެ ނިންމުން މުރާޖާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ކަން އެހެންހުރުމުން ރައީސް ނަޝީދުގެ މައްސަލާގައި ދެން ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް