އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)ގެ ރޯވާ ކްރޫއަށް މީޑިއާ ވޯކްޝޮޕެއް ހިންގައިފިއެވެ.
ހަތަރު ގަޑިއިރަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕަަކީ، ޢަރަބިއްޔާ ސްކައުޓް ގުރޫޕް (އޭއެސްޖީ)ގެ ހަރަކާތްތައް އިޖުތިމާޢީ މީޑިއާގެ ވަޞީލަތްތަކާއި ނޫސް މީޑީއާތައް މެދުވެރިކޮށް ފޯރުކޮށްދިނުން އިތުރުކުރެވިދާނެ ގޮތްތަކާއި، ސްކައުޓް ހަރަކާތާމެދު އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމަށް މީޑިއާގެ ބޭނުންކުރެވިދާނެ ދާއިރާތަކާ މެދު ހޭލުންތެރިކުރުމަށް، އަދި ހަރަކާތްތައް ކަވަރުކޮށް، ޚަބަރާއި މައޫލޫމާތު ހިއްސާކުރުމަށް ހަރުދަނާ އުސޫލަކަށް އަމަލުކުރުމަށްޓަކައި ކޮންމެހެން އެންގެންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ޢަރަބިއްޔާގެ ރޯވަރުންނަކީ މީޑިއާއާ ރައްޓެހި، އިޖުތިމާޢީ މީޑިއާގެ އިތުރުން ނޫސްވެރިކަމާމެދު ހޭލުންތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. އަދި ފޯޓޯނެގުމާއި ވީޑިއޯގްރަފީގެ ބައި ނަގައިދިނީ ސަން އޮންލައިންގެ ފޮޓޯގްރަފަރު އިބްރާހީމް ނާއިޝް ނާހިދެވެ.
މިސެޝަންތަކުގައި ޢަރަބިއްޔާގެ ގިނަ އަދަދެއްގެ ރޯވަރުން ވަނީ ބައިވެރިވެފައެވެ.މިވޯކްޝޮޕްގައި، ނޫސްވެރިކަމުގެ އަސާސީ ކަންކަމާއި އިޖުތިމާޢީ މީޑިއާގެ ވަޞީލަތްތަކާއި ނޫސް މީޑީއާތަކަށް ބޭނުންވާ ކޮންޓެންޓް އުފައްދާނެ ގޮތާއި ފޮޓޯ އަދި ވީޑިއޯނެގުމުގެ އަސާސީ ތަމްރީނެއްގެ އިތުރުން، ސޯޝަލްމީޑިއާ އަލްގޮރިދަމްއާއި ޓްރެންޑްވަމުންދާ ކަންކަމާ ގުޅުންހުރި ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިވޯކްޝޮޕްގައި ނޫސްވެރިކަމާއި އިޖުތިމާޢީ މީޑިއާގެ ބައި ނަގައިދީފައިވަނީ، ދުވަސްއިން މިދާއިރާއަށް ނުކުތް، ނޫސްވެރިޔާ ޒިދާން މުޙައްމަދެވެ. ފޮޓޯގްރަފީގެ ބައި ނަގައިދިނީ ފޮޓޯ ޖާނަލިސްޓް ނާއިޝް ނާހިދެވެ.
މިވޯކްޝޮޕް ނިންމުމަށް ރަސްމިއްޔާތެއް ބާއްވައި، ބައިވެރިންނަށް، ހަނދާނީލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ. ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރާއްޖެއަށް ސްކައުޓް ހަރަކާތް ތައާރަފުކޮށް ފުޅާކުރުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި، ޢަރަބިއްޔާ ސްކައުޓް ގުރޫޕްގެ އެސިސްޓެންޓް ގުރޫޕް ސްކައުޓް ލީޑަރު ސައިފް އަޒްހަރެވެ.
އަރަބިއްޔާ ސްކައުޓް ގުރޫޕަކީ ރާއްޖޭގައި މިވަގުތު އެންމެ ހަރަކާތްތެރި، ކަބް ސްކައުޓް އަދި ސްކައުޓް ދަރިވަރުންނަށް ގިނަގުނަ ހަރަކާތްތަކެއް ހިންގާ އެއް ސްކައުޓް ގުރޫޕުކަން ފާހަގަކޮށްލެވެއެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކައުޓް ގްރޫޕްތަކަށްވެސް އަރަބިއްޔާ ސްކައުޓް ގްރޫޕުން ގެންދަނީ ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޢަރަބިއްޔާ ރޯވާ ކުރޫއަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ އެއް ރޯވާ ކުރޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް