ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި އެކަކު މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން މިނިވަން ކޮށްފައިވަނީ މ.ލޭންޑް އޮފް ގާޑަން އިބްރާހިމް އިކްރާމްއެވެ.
މިވަގުތު ބަންދުގައި ތިބީ، ހ.ނޫރަންމާގެއާގެ އިކްރާމު ރަހްމާން އަދި ގއ ކަނޑުހުޅުދޫ، އާޒާދުގޭ ޖިނާހް އިސްމާއީލްއެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ހައިކޯޓޫން އޭނާ މިނިވަން ކޮށްފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އެކަން ކުރުމަށް އޮންނަ އިޖުރާއުތަކަކާ ހިލާފަށް ކަމަށް ބަލާފައެވެ.
ހައިކޯޓުން އޭނާ މިނިވަން ކުރުމަށް އަމުރުކޮށްފައިވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް، ހަސަން ޝަފީއު އަދި އަބްދުއް މާނިއު ހުސެިއން ތިއްބެވި ބެންޗަކުންނެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގެ ވިނަރެސް ފްލެޓް ސަރަހައްދުގައެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ކޮންޓްރޯލްނުވެ އައިސް މަގުގެ އެއް ފަރާޔެއްގައި ސައިކަލުގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހި، އެމީހާއަށް މި އެކްސިޑެންޓިގައި ވަނީ ބޮޑެތިި އަނިޔާތަކެއް ލިބިފައެވެ. އަދި ކާރުގައި ތިބި މީހުން ވަނީ އެކްސިޑެންޓު ވުމުން ސީން އިން ފިލާފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެމީހުން ފަހުން ހައްޔަރުކޮށްފައެވެ. އެކްސިޑެންޓުވި ވީޑިއޯ މުޅި ސޯސަލް މީޑިއާގައި އާއްމުވެގެން ދިޔައި އިރު އާއްމުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
މާލޭގައި މިގޮތަށް ބާރު ސްޕީޑްގައި ދުއްވާ ސްޕޯޓްސް ކާރު ތަކަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް