ޞަލާޙުއްދީން ސުކޫލްގެ އެންމެ މޮޅު ދަރިވަރަށް އަސްކޮއި ޓްރެވެލްސްއިން އުމްރާ ދަތުރެއް

ޞަލާޙުއްދީން ސުކޫލްގެ 2024 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އަސްކޮއި ޓްރެވެލްސްގެ ފަރާތުން ޢުމްރާ ދަތުރެއް ހަދިޔާކުރަން ނިންމައިފިއެވެ. މިކަން އިއުލާނުކުރީ މިއަދު ހެނދުނު  ޞަލާޙު...

01 Sep 2024 | 08:24

ޞަލާޙުއްދީން ސުކޫލްގެ 2024 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އަސްކޮއި ޓްރެވެލްސްގެ ފަރާތުން ޢުމްރާ ދަތުރެއް ހަދިޔާކުރަން ނިންމައިފިއެވެ.

މިކަން އިއުލާނުކުރީ މިއަދު ހެނދުނު  ޞަލާޙުއްދީން ސުކޫލްގެ ދަރިވަރުންނާއެކު ބޭއްވި އެސެމްބްލީގައެވެ. މި އެސެމްބްލީގައި އަސްކޮއިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރ ޖަމީލާ ޢަލީއެވެ. ޞަލާޙުއްދީން ސުކޫލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސުކޫލްގެ ޕްރިންސިޕަލް ނާޞިހާ އިދުރީސްއެވެ.

މިކަމާ ގުޅޭގޮތުން ސުކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، އަސްކޮއި ޓްރެވެލްސްގެ ފަރާތުން މި ލިބުނު ހަދިޔާއަކީ، ކިޔަވަމުންދާ ދަރިވަރަކަށް ލިބުމަށް އެދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ ކަމަށެވެ. އަދި މިއީ، އެތައް ދަރިވަރަކާއި ބެލެނެވެރިއެއް ހިތާހިތުން ލިބުމަށް އެދޭނެ ހަދިޔާއެއް ކަމަށްވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"އެ ހަދިޔާއެއްގެ ސަބަބުން ދަރިވަރެއްގެ ދުނިޔެއާއި އާޚިރަތް ކާމިޔާބުވެގެން ދިއުމަށް އެންމެ ބޮޑަށް މަގުފަހިވެގެންދާނެ އެއް ހަދިޔާ މިއީ" ނާޞިހާ އިދުރީސް ވިދާޅުވިއެވެ.

މި އިޢުލާނުކުރެވުނު ހަދިޔާގެ ސަބަބުން ރަނގަޅު ނަތީޖާއަކަށް ވާޞިލް ވުމަށް ދަރިވަރުންގެ މެދުގައި ގަދައަޅައި މަސައްކަތް ކުރުމުގެ ރޫޙު އިތުވެގެން ދާނެކަމަށްވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"މިކަމުގެ ސަބަބުން ބެލެނިވެރިން ދަރިވަރުންނަށް ދެއްވަވާ ހިތްވަރު އިތުރުވާނެ. މި ހުރިހާ ސަބަބަކަށްޓަކައި އަސްކޮއި ޓްރެވަލްސްއަށް ޞަލާޙުއްދީން ސްކޫލުގެ މުޅި ޖަމާޢަތް ޝާމިލްވެގެންދާގޮތުގައި ޝުކުރު ދަންނަވަން" ޞަލާޙުއްދީން ސުކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވަނީ ދުނިޔަވީ އަދި އުޚުރަވީ މި ނަސީބު ލިބިގަތުމަށް ގަދައަޅާ މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާފައެވެ.

އަސްކޮއި ޓްރެވެލްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ރަޝީދު ވިދާޅުވީ މިއީ އަބަދުވެސް ވަރަށް ކުރާހިތުން ކުރައްވާ ކަމެއްކަމަށާއި އެގޮތުން މީގެ ކުރިންވެސް އެކިއެކި ސުކޫލްތަކުގެ މި ހަދިޔާދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

އަދި މި ހަދިޔާގެ ސަބަބުން، ދަރިވަރުންނަށް ކިޔެވުމަށް އިތުރު ހިތްވަރަކައި ބާރެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި ހަދިޔާގެ ހަގީގީ މަގުސަދަކީ އެއީކަމަށްވެސް ވިދާޅުވިއެވެ.

ޞަލާޙުއްދީން ސުކޫލުގެ ކިޔެވުން ރަސްމީކޮށް ފެށީ 2023 ވަނަ އަހަރުގައެވެ. ނަމަވެސް ގްރޭޑް 10 ކިޔަވަދޭން ފެށީ މި ދިރާސީ އަހަރުގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގައި ހިންގާ މި ސުކޫލަކީ ރާއްޖޭގައި މިވަގުތު އާބާދީ އެންމެ ބޮޑު އެއް ސުކޫލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް