މިރޭ ވޯޓު ގުނިޔަސް އެމްޑީޕީ މޮޅުވާނެ ކަމަށާއި، މާދަމާ ވޯޓު ލައިފިއްޔާ އެއަށްވުރެ ގިނަ ވޯޓު އެމްޑީޕީއަށް ލިބޭނެ ކަމަށާއި އަދި ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ގުނާ ވޯޓުން ބޮޑުތަނުން އެމްޑީޕީ ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މިރޭ ބޭއްވި އުފާވެރި އަމާން މާލެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ފެނިގެން ދަނީ އަނިޔާވެރިކަމަށް އެނބުރި ދާން ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާ މަންޒަރު ކަމަށެވެ، އެހެންކަމުން އެއްބުރުން ނޫން ބުރެއް މިފަހަރަކު ރިޔާސީ އިންތިހާބުގައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގެ ރޫހު ހުރި ވަޒަނަށް ރައްޔިތުންގެ ވިންދު ފެތުނު ސަބަބުތައް ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން 2003 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިނގާދިޔަ ބައެއް ހާދިސާތައް ރައީސް ހިއްސާ ކުރެއްވިއެވެ. ރައީސް ވިދާޅުވީ 2003 ވަނަ އަހަރު އީވާން ނަސީމް ޖަލުގައި މަރާލުމާ ގުޅިގެން ޖަލުގާ ހިނގި ހާދިސާއާ ގުޅިގެން މުޅި މާލެ ކެކި އަރައި ހަމަނުޖެހުން އުފެދުނު ކަމަށެވެ.
އޭގެ އިތުރުން 2004 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12، 13 ގެ މުޒާހަރާ ގެ ބައެއް ހަނދާންތައް ރައީސް ހިއްސާ ކުރެއްވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ، ކޯލިޝަނަކުން 2008 ގައި އެމްޑީޕީ ވެރިކަމަށް އަހިސް، ފަސް އަހަރު ނުވެ، އެ ސަރުކާރު ބަދަލުވެގެން ދިއުމުން ހިތާމަކުރާ ކަމަށެވެ.
ވެރިކަން ބަދަލި ގޮތާމެދު ވިސްނަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވި އަނިޔާވެރިކަމާއި ބިރުވެރިކަން ހައްދުފަހަނައަޅާ ދިޔަ ދިއުން ހެޔޮ މަގަށް ގެނައުމަށް އެދުވަހު ފެށި މަސައްކަތް ނިންމާލެވުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ.
މި ކަންތައްތަކާ ދޭތެރޭ ވިސްނުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް