އާދެ! މިއަދަކީ މާމަ، ކާފަ އިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ދުވަހުގެ ހެޔޮއެދުންތައް ހުރިހާ މާމައިންނާއި ކާފައިންނަށް އަރިސްކުރަމެވެ. މާމަ އަދި ކާފަ މި ދެ ލަފުޒަކީ ކިތަންމެ ކިޔާލަން ފަސޭހަ ދެ ލަފުޒު ކަމުގައިވީ ނަމަވެސް މި ދެލަފުޒަކީ ލޯބިން ފުރިގެންވާ ދެ ލަފުޒެވެ. މާމައަކީ އަޅުގަނޑުމެންގެ ދެވަނަ މަންމައެވެ. މަންމައަކު އަޅުގަނޑުމެންނަށް ދޭ ލޯތްބާއި އަޅާލުމާއި އެއްވަރަށް މާމަގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ލޯތްބާއި އަޅާލުން ލިބެމުންދެއެވެ. ހަމަ އެފަދައިން ކާފަގެ ފަރާތުންވެސް ރައްކާތެރިކަމާއި އަޅާލުން އަޅުގަނޑުމެންނަށް ލިބެމުންދެއެވެ. ބައްޕަ އަޅުގަނޑުމެންނަށްދޭ ހުރިހާ އުފާވެރިކަމަކާއި، ލޯތްބާއި އެހީތެރިކަން ކާފަގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދެއެވެ. މާމައާއި ކާފަގެ ލޯބި ލިބިގެން ބޮޑުވަމުންދާ ކުދީންނަކީ ރަނގަޅު ކަންކަމަށް ލޯހުޅުވި އުފާވެރިކަމާއެކު ބޮޑުތިވެގެންދާ ނަޞީބު ގަދަ ކުދީންކަމުގައި ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. ފޫހިކަމެއް ނެތި މާމައާއި ކާފަ އަޅުގަނޑުމެންނަށް ޚިދުމަތް ކުރަމުންގެންދަނީ އަމިއްލަ ދަރިން ގެންގުޅުނުހާ ލޯބިންނެވެ. ހަމައެފަދައިން އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ކާފައާއި މާމަ އަޅުގަނޑުމެންދެކެ ވަމުންދާ ލޯބި އެ މީހުންދެކެވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ މަސައްކަތުގެ ވަގުތުގެ ތެރެއިން ކޮންމެވެސް އެއް ވަގުތުކޮޅެއް މާމައާއި ކާފައަށް ހުސްކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ކޮންމެ ވަގުތުކޮޅަކީ އަގުހުރި ވަގުތުކޮޅެއްގެ ގޮތުގައި ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު އެއްފަހަރު މާމަ އާއި ކާފައާއި ބައްދަލުކޮށް އެމީހުންނާއެކު ހޭދަކުރާ ވަގުތުކޮޅުގެ ތެރޭގައި އެމީހުން ދެކެ ލޯބިވާ ވާހަކަ ބުނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ބޭފުޅަކަށް މިފުރުޞަތު ކޮންމެ ކޮންމެ ފަހަރަކު ނުލިބިދާނެއެވެ. މިއަދު މާމައާއި ކާފަ އާއި ކައިރީގައި ތިއްބެވި ބޭފުޅުން މި ފުރުޞަތުގެ ބޭނުން ހިފުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ލޯބިވާ ވާހަކަވެސް ބުނަންވާނެއެވެ. މިހުރިހާ ވާހަކައެއް މާމައާއި ކާފަގާތުގައި ދައްކާކަށް މާމައެއްވެސް ކާފައެއްވެސް އަބަދަކު ދުނިޔޭގައެއް ނުތިބޭނެއެވެ.
އާދެ، މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންމިދަނީ ދިރިއުޅުމުގައި އަޅުގަނޑުމެންނަށް އިޙްސާސް ވެސް ނުކުރެވޭފަދަ ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލުކޮށްގެން ތިއްބެވި މާމަ އާއި ކާފަގެ ދުވަހެވެ. އަޅުގަނޑުމެންނަށް އިޙްސާސް ނުވިކަމުގައިވިޔަސް މާމައާއި ކާފައަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް ޚާއްޞަ ދައުރެއް އަދާކުރެއްވި އަދި މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ދެފަރާތެކެވެ. މާމަ އާއި ކާފަ ދުނިޔޭގައި ތިއްބެވިއިރު މާމަ އާއި ކާފަގެ މުހިންމުކަން ގިނަ ބޭފުޅުންނަށް ފާހަގަ ނުކުރެވުނަސް މާމައާއި ކާފަ ދުނިޔެއިން ވަކިވެގެންދާ ހިނދު ކޮންމެ ބޭފުޅަކަށްވެސް މާމަގެ މުހިންމުކަންވެސް އަދި ކާފަގެ މުހިންމުކަންވެސް ފާހަގަ ކުރެވިގެން ދެއެވެ. ވީމާ، ކާފައާއި މާމަ ދުނިޔޭގައި ތިއްބާ އެ މީހުންނަށް އަޅާލުމާއި ލޯބި ދިނުމަކީ ކޮންމެ ބޭފުޅަކުވެސް ކުރަންޖެހޭނެ ކަމެކެވެ.
ކުރީ ޒަމާނުގައި އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގައި ތަޢުލީމީ ޙާލަތު ހުރިގޮތުން އަޅުގަނޑުމެންގެ މާމަ ނުވަތަ ކާފައަކީ ފަހަރެއްގައި އަޅުގަނޑުމެން ވަރަށް ތަޢުލީމު ޙާޞިލުކޮށްގެން ތިބި ބަޔަކަށް ނުވެދާނެއެވެ. ނަމަވެސް މާމަމެންނާއި، ކާފަމެންނަށް ލިބިފައިވާ ތަޖުރިބާއަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ތަޢުލީމުންވެސް ނުލިބޭނެ ފަދަ ތަޖުރިބާއެކެވެ. މާމަމެން ކާފަމެންނަށް ދުނިޔެއިން ފެނިފައިވާ ތަންތަނާއި ތަޖުރިބާއަކީ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ތަޢުލީމު ޙާޞިލުކުރިކަމުގައިވިޔަސް ނުލިބޭނެ ތަޖުރިބާއެއްކަން ޔަޤީނެވެ. ކާފައާއި މާމަގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުން އަޅުގަނޑުމެން ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި މާމައާއި ކާފަގެ ޙިޔާލާއި މަޝްވަރާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިފަދަ ކަންކަމުގައި މާމަ އަދި ކާފަގެ ލަފާ ހޯދުމުން މާމައާއި ކާފައަކީ މުހިންމު ބައެއް ކަމުގެ އިޙްސާސް އެމީހުންނަށް ލިބިގެންދާނެއެވެ.
އާދެ! މާމަ ކާފަ ދުވަސަ ފާހަގަކުރަންވީ މިގޮތަށް އަޅުގަނޑމެން ލިޔެލާ ލިޔުމަކުންނޫނެވެ. ނޫނީ ސޯޝަލް މީޑިއާގައި ލިޔެލާ ލިޔުންކޮޅަކުން ނޫނެވެ. މާމައާއި ކާފައާއެކު އުޅެމުންދާ ކޮންމެ ބޭފުޅަކުވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް މާމައާއި ކާފަ އާއެކު ހޭދަކުރަން ޖެހޭނެއެވެ. މުސްކުޅިވެ ގައިބާރުދެރަވެފައިވާ މާމައާއި ކާފަ އެންމެ ބޮޑަށް ބޭނުންވާނީ އަޅުގަނޑުމެންގެ ލޯތްބާއި އިޙްތިރާމާއި އަޅައިލުމެވެ. ދިރިއުޅުމުގެ ކަންކަމުގައި މާމައާއި ކާފަ ބައިވެރިކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް